ރަޝިޔާގައިި ކޮވިޑް-19 އިން ދިފާއުވުމަށް ކުޑަ ކުދިންނަށް ވެކްސިން ދޭން ހާއްސަ ސްޕަޓްނިކް ސްޕްރޭއެއް ތައްޔާރު ކޮށްފިއެވެ.

ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިން އަދި އޭގެ ހާއްސަ ސްޕްރޭ ތައްޔާރުކުރި ގަމާލެޔާ ކުންފުނިން 12-8 އަހަރުގެ ކުދިންނަށް ވެކްސިން ދިނުމަށް ސްޕްރޭއެއް ޓެސްޓު ކޮށްފައިވާ އިރު، ތަހުލީލްގެ މަރުހަލާ ނިމި ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ވެކްސިން ސްޕްރޭ ދެވެން ފަށާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފައިވެއެވެ.

ގަމާލެޔާ ކުންފުނިން ބުނީ ކުޑަ ކުދިންނަށް ވެކްސިން ދިނުމަށް ހާއްސަ ކޮށްފައިވާ ސްޕްރޭއަކީ ސްޕަޓްނިކް ވީ ވެކްސިނާ ހަމަ އެކައްޗެއް ކަމަށެވެ. އޭގައި ތަފާތު ވެފައިވަނީ ކުޑަކުދިންނަށް ނޭފަތަށް ސްޕްރޭ ކުރަން ޖެހިފައި، ބޮޑެތި މީހުންނަށް އިންޖެކްޝަނަކުން ވެކްސިން ޖެހުން ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކުޑަކުދިންނަށް ތައްޔާރުކުރާ ސްޕަޓްނިކް ސްޕްރޭ ސެޕްޓެމްބަރު 15 ވަނަ ދުވަހު ބާޒާރަށް ނެރެވޭ ވަރު ވާނެެ" ގަމާލެޔާ ބުންޏެވެ.

ވެކްސިން ސްޕްރޭއާ ގުޅިގެން އެ ކުންފުނިން ބުނީ ވެކްސިން ސްޕްރޭ ޓެސްޓު ކޮށްފައިވަނީ އުމުރުން 8-12 އަހަރުގެ ކުދިންނަށް ކަމަށާއި، އެ ކުދިންގެ ފަރާތުން ހުންއައުން ފަދަ އެއްވެސް ސައިޑް އިފެކްޓެއް ފެނިފައިނުވާ ކަމަށެވެ. ތަހުލީލް ތަކުގައި ބައިވެރިވެފައިވަނީ ކިތައް ކުދިންކަން ކުންފުނިން ހާމަނުކުރި ނަމަވެސް، ވެކްސިން ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

ރަޝިއާގައި އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން އެގައުމުގެ އިތުރުން 50 އަށް ވުރެ ގިނަ ގައުމުތަކުގައި އަންނަނީ ބޭނުންކުރަމުންނެވެ. އަދި މި ވެކްސިނަކީ 91.6 އިންސައްތަ ކޮވިޑުން ދިފާއުކޮށްދޭ ވެކްސިނެކެވެ.