ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާތީ ޗައިނާއިން ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންތައް ދޫކޮށް، ހުޅަނގުގެ ގައުމުތަކުގައި އުފައްދާފައިވާ ވެކްސިން ބޭނުން ކުރަން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ނިންމައިފިއެވެ.

މީގެ ކުރިން ދެކުނު އޭޝިއާގެ ގައުމުތަކުން ވަނީ ގިނަ އަދަދަކަށް ޗައިނާގައި އުފައްދާ ކޮވިޑް ވެކްސިންތައް ގަނެފައެވެ. މީގެ ކުރިން ޗައިނާގެ ވެކްސިން އަށް ބަރޯސާވި އިންޑޮނޭޝިއާ އާއި ތައިލެންޑް ފަދަ ގައުމުތަކުގައި ކޮވިޑްގެ ޑެލްޓަ ވޭރިއެންޓް އިންތިހާ އަށް ފެތުރި އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޗައިނާގެ ވެކްސިން ބާރުގަދަ ވޭރިއެންޓްތަކާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ދައުވާ ކުރި ނަމަވެސް ވެކްސިންގެ ނަތީޖާ އަށް ބަލާ އިރު އެކަން ނުފެންނަކަން ފާހަގަކޮށްލެވެއެވެ. އަދި ޗައިނާގެ ވެކްސިންތައް ކަމަށްވާ ސިނޮވެކް އަދި ސިނޮފާމް އަކީ އެންމެ ކުރިން ކްލިނިކަލް ޓެސްޓުތައް ފެށި ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިންތަކަށް ވީ ނަމަވެސް އެއާ ބެހޭ ފުރިހަމަ ޑާޓާ ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެއީ އެންމެ ފުރަތަމަ މާކެޓުން ލިބެން ފެށި ވެކްސިންގެ ތެރޭގައި ހިމެނޭ ވެކްސިންތަކަށް ވުމުން އެތައް މިލިއަން ބަޔަކު ވަނީ އެ ވެކްސން ޖަހައިފައެވެ. ޗައިނާގެ ސިނޮވެކް ވެކްސިން މަސައްކަތް ކުރާ ގޮތާ މެދު ސުވާލު އުފެދުނީ މިދިޔަ ޖޫން މަހުގައެވެ.

އެއީ ވެކްސިން ފުރިހަމަކޮށްފައިވާ ސިއްހީ މަސައްކަތްތެރިންނަށް ކޮވިޑް ޖެހުމާއި އެ ވެކްސިން ޖަހާފައިވާ މީހުން މަރުވުމުގެ ވޭދަނަތައް ފެންމަތިވާން ފެށި ހިސާބުންނެވެ. އެކަމާ ގުޅިގެން ސިނޮވެކް އާއި ސިނޮފާމް އިން ކޮމެންޓެއް ނުކުރެއެވެ. އަދި ޗައިނާގެ ސްޓޭޓް ގްލޯބަލް ޓައިމްސް ނިއުސް އަށް ސިނޮވެކް އިން ވަނީ ވެކްސިން އިން 100 އިންސައްތަ ރައްކާތެރިކަން ނުލިބޭ ކަމަށް ބުނެފައެވެ.

އިންޑޮނޭޝިއާގައި ޗައިނާގެ ވެކްސިން ޖަހާފައި ވަނިކޮށް ބަލި ޖެހުނު މީހުންގެ ތެރޭގައި އެ ގައުމުގެ ސިނޮވެކް ވެކްސިން ޓްރައިލް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުރި ލީޑް ސައިންޓިސްޓް ހިމެނޭ ކަމަށް އެ ގައުމުގެ މީޑީއާއިން ބުނެއެވެ. އޭގެ ފަހުން ޖުލައި މަހު އެމެރިކާގެ މޮޑަރނާ ވެކްސިން ޖަހަން އިންޑޮނޭޝިއާ އިން ވަނީ ފަށާފައެވެ.

ތައިލޭންޑުން ވެސް ވަނީ ޖުލައި މަހުގެ މެދެއްހާ ހިސާބުގައި އެ ގައުމުގެ ވެކްސިން ޕޮލިސީ އަށް ބަދަލު ގެނެސްފައެވެ. އެ ގައުމުން ވަނީ ސިނޮވެކް ވެކްސިން އިން ފުރަތަމަ ޑޯޒް ދިނުމަށް ފަހު އަސްޓްރާޒެނެކާ ވެކްސިން އިން ދެވަނަ ޑޯޒް ދޭން ފަށައިފައެވެ. އަދި ސިނޮވިކްގެ ދެ ޑޯޒް ފުރިހަމަ ކުރި ސިއްހީ މަސައްކަތްތެރިންނަށް ވެސް އަސްޓްރާޒެނެކާގެ އިތުރު ޑޯޒް އެއް ދިނުމަށް އެ ގައުމުން ވަނީ ނިންމައިފައެވެ.

ނަމަވެސް ކެމްބޯޑިއާ އިން ވެސް ޗައިނާގެ ވެކްސިން އަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށް ނުބެލެވެއެވެ. އެ ގައުމުން ވަނީ ޗައިނާގެ އެހީ އާ ނުލާ އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ނުލިބޭނެ ކަމަށް ބުނެފައެވެ.

ޑެލްޓާ ވޭރިއެންޓާ ދެކޮޅަށް ޗައިނާގެ ވެކްސިންތައް މަސައްކަތް ކުރާ މިންވަރު ދަށް ކަމަށް ދިރާސާތަކުން ދައްކައެވެ. ފިލިޕީންސްގައި ކުރި ދިރާސާއަކުން ދައްކާގޮތުން 63 އިންސައްތަ މީހުން ބޭނުން ވަނީ ޗައިނާގެ ވެކްސިންގެ ބަދަލުގައި އެމެރިކާގެ ވެކްސިން ބޭނުން ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅިނކއ

    މީ ޗައިނާ ވެކްސިން ޑީމޯޓް ކުރަން ހާދަ ފޯރިއެއް ހުރި ނިއުސް ވެރިއެއްބާ އިންޑިއާގެ ފަރާތުން ކިހާވަރެއްބާ

    10
    5
    • ލޮލްލް

      ހާދަ އަސަރެކޭ ތިޔަ ކުރީ ލޮލް

      4
      3