ބީބީސީ ނޫހުގެ ރޭޑިއޯ ޕްރެޒެންޓަރެއް އެސްޓްރަޒެނަކާ ވެކްސިން ޖެހުމުގެ ސަބަބުން މަރުވެއްޖެ ކަމަށް ރިޕޯޓު ކޮށްފިއެވެ.

ލިސާ ޝާ ނަމަކަށް ކިޔައި މި އަންހެން މީހާ އަކީ މަރުދުވަހާއި ޖެހެންދެން ވެސް ބީބީސީ ރޭޑިއޯ ނޫހުގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެއްކަން ބީބީސީގައި ބުނެފައިވެެެއެވެ.

އަދި އެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން މި އަންހެންް މީހާ މަރުވެފައިވަނީ ކޮވިޑުން ދިފާއުވުމަށް އެސްޓްރަޒެނަކަ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ ހަފްތާއެއް ފަހުން ބޮލުގައި ރިއްސާތީ އުޅުމަށް ފަހު މިދިޔަ މޭ މަހުއެވެ. މަރުވި އިރު އޭނާގެ އުމުރަކީ 44 އަހަރެވެ.

މަރުގެ ސަބަބު ބެލުމަށް ސަރުކާރުން ހާއްސަކޮށްފައިވާ އޮފިޝަލް ކަރެން ޑިލްކް ވިދާޅުވީ ޝާ ވެކްސިން ޖެހުމުގެ ސަބަބުން ލޭގަނޑުވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ލޭ ގަނޑުވުމުގެ މައްސަލަ ދިމާވެފައިވަނީ ސިކުނޑީގައި ކަމަށާއި، އެސްޓްރަޒެނަކަ ވެކްސިން ޖެހުމުގެ ސަބަބުން ލޭގަނޑުވުމުގެ މައްސަލަ ދިމާވުމަކީ ވަރަށް މަދުން ދިމާވާ މައްސަލައެއް ކަމަށެވެ.

ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުން ޝާ ޖަހާފައިވަނީ އެޕްރީލް މަހުގެ 29 ވަނަ ދުވަހެވެ. އަދި މޭ މަހުގެ 13ވަނަ ދުވަހު ދެކުނު ދަރްހަމްގެ ޔުނިވާސިޓީ ހޮސްޕިޓަލަށް ބޮލުގަ ރިއްސާތީ ގެންދިޔަ ކަމަށް ބުނެފައިވެއެވެ. އަދި ކުރި ތަހުލީލްތަކުން ދައްކާގޮތުން ސިކުނޑިއަށް ލޭ ފޭދިފައިވާ ކަމަށާއި، ސިކުނޑި ދުޅަވާން ފަށާފައިވާކަން އެނގިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އަދި މޭ 16ވަނަ ދުވަހު ޝާގެ ހާލު ދެރަވެފައިވާ ކަމަށާއި، އިތުރު ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މަރުވެފައިވަނީ މޭ މަހުގެ 21ވަނަ ދުވަހު ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ މެޑިކަލް ރެގިއުލޭޓަރުން ބުނީ އިނގިރޭސި ވިލާތުގައި 35 މިލިއަން އެސްޓްރަޒެނަކަ ވެކްސިން ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 332 މީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން 58 މީހަކު މަރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.