ބީބީސީގެ ޒަމާންވީ ފުޓްބޯޅަ ހައިލައިޓްސް ޝޯގެ ޕްރެޒެންޓަރު، އަދި އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ގެރީ ލިނެކަރ ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާ އަށް ތާއީދު ކުރުމުގެ ގޮތުން އެ ޓީވީ ޗެނަލުން ކުރިއަށް ގެންދާ އިތުރު ދެ ޝޯއެއް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބީބީސީން ހޮނިހިރު ދުވަހު ގެނެސް ދިނުމަށް ހަމަޖެހިފައިވާ "ފުޓްބޯޅަ ފޯކަސް" އަދި "ފައިނަލް ސްކޯ" ޝޯ ނޯންނާނެއެވެ. އެ ދެ ޝޯގެ އިތުރުން 1960 ގެ އަހަރުތަކުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ "މެޗް އޮފް ދަ ޑޭ، (އެމްއޯޓީޑީ)" ޝޯ އިން ލިނެކަރ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާތީ ކުރިއަށް އޮތް ތަނުގައި އެ ޝޯ ވެސް އާންމުންނާ ހަމައަށް ނުފެންނާނެއެވެ.

ލިނެކަރ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވަނީ، ހިމާޔަތް ހޯދުމަށް ހިޖުރަކުރާ މީހުންނާ ދޭތެރޭ އަމަލު ކުރުމަށް އިނގިރޭސި ވިލާތުން ކަނޑައަޅާފައިވާ އާ ސިޔާސަތަށް ފާޑުކިޔުމުންނެވެ.

ބޯޓުތަކުގައި ރެފިއުޖީން އިނގިރޭސި ކަނޑުއޮޅި ހުރަސްކުރުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ، އެސައިލަމް ސިޔާސަތު އިއުލާންކުރައްވަން އެ ގައުމުގެ ހޯމް މިނިސްޓަރު ސުއެލާ ބްރޭވްމަން ދެއްކެވި ވާހަކަތަކަށް ލިނެކަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ ބަސްމަގެއް ބޭނުންކޮށްގެން، ސަރުކާރުން އިއުލާންކުރި އާ ސިޔާސަތަކީ، ދުނިޔޭގެ އެންމެ ނިކަމެތި އިންސާނުންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

އެއާ އެކު، ބީބީސީން ބުނީ އެތަނުގެ ޕްރެޒެންޓަރު ލިނެކަރ ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިގެން ނުވާނެ ކަމަށާއި އޭނާގެ ޓްވީޓް، އެ އެތަނުގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށެވެ.

ލިނެކަރ ޝޯ އިން ސަސްޕެންޑް ކުރުމުން، ޝޯ ގައި ބައިވެރިވާ ގިނަ ތަޖުރިބާކާރުން ވަނީ ޕްރިމިއަރ ލީގް ހައިލައިޓްސް ދައްކާ ހޮނިހިރު ދުވަހުގެ ރޭ ގެ ޝޯ ގައި ބައިވެރި ނުވާނެ ކަމަށް ބުނެ، ޝޯ ބޯއިކޮޓް ކޮށްފައެވެ. އެގޮތުން އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އެލެން ޝިއަރާ އަދި އިއާން ރައިޓްސް ވަނީ ޝޯ ބޮއިކޮޓްކޮށްފައެވެ.

އޭގެ އިތުރުން ވެސް ލިނެކަރ އާއި އެކު މަސައްކަތް ކުރާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އެލެކްސް ސްކޮޓް، ޖާމެއިން ޖެނަސް، މީކާ ރިޗާޑްސް ފަދަ ބައެއް ފަރާތްތަކުންވެސް ވަނީ ލިނެކަރ އާއި މެދު ބީބީސީ އިން ކަންތައް ކުރި ގޮތުން ޝޯ ގައި މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ

ލިނެކަރ އަކީ ބީބީސީ އާއި އެހެނިހެން މީޑިއާތަކުގެ ގެ ކުޅިވަރު ޝޯ ތަކުގެ ޕްރެޒެންޓަރަކަށް ވުމުގެ ކުރިންވެސް އިނގިރޭސި ވިލާތުގައި މަޝްހޫރު ނަމެކެވެ. އެގޮތުން އޭނާ އަކީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އަދި އޭނާގެ ބައިނަލް އަގުވާމީ ކެރިއަރު ނިންމާލާފައިވަނީ އިންގްލެންޑްގެ ޖޯޒީގައި 80 މެޗު ކުޅެ، 48 ގޯލު ޖަހައިދިނުމަށް ފަހުގައެވެ. ލިނެކަރ ވަނީ ބާސެލޯނާ، ޓޮޓެންހަމް، އެވަޓަން، އަދި ލެއިސެސްޓަރ އަށްވެސް ކުޅެފައެވެ.

ލިނެކަރ އަކީ އަބަދުވެސް ރެފިއުޖީންނަށް މަރުހަބާ ކިޔަން ބާރު އަޅާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިކިލީކްސް

    ކެޕްޓަން އަދި ޓީވީ ޕްރެޒެންޓަރު ގެރީ ލިނެކަރ ދެންވީ ސިޔާސީ ދާއިރާއަށް ވަންނަން.
    ހުޅަނގުގެ މުޑުދާރު ގިނަ ކަންތަކާ ދެކޮޅުހަދާ ލިނެކާއަށް ކާމިޔާބުވާނެ