ކޮވިޑް-19ގެ ދެވަނަ ރާޅާއި އެކީ ބަލީގެ ނުރައްކާ ބޮޑުވެފައިވާ އިންޑިއާއިން މަރުވި ޑޮކްޓަރުންގެ އަދަދު 700 އިން މައްޗަށް އަރައިފިއެވެ.

އިންޑިއާގެ މެޑިކަލް އެސޯސިއޭޝަން އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑްގެ ދެވަނަ ރާޅާއި އެކީ އެގައުމުން މިހާތަނަށް 776 ޑޮކްޓަރަކު ވަނީ މަރުވެފައެވެ. އެގޮތުން އެންމެ ގިނަ ޑޮކްޓަރުން މަރުވެފައިވަނީ ބިހާރު ސްޓޭޓުންނެވެ. އެއީ 115 ޑޮކްޓަރުންނެވެ. އެ ސްޓޭޓް ފިޔަވައި ދެން އެންމެ ގިނައިން މަރުވެފައިވަނީ ދިއްލީއިންނެވެ. އެއީ 109 ޑޮކްޓަރުންނެވެ.

މި ސްޓޭޓްތަކަުން ގިނަ ޑޮކްޓަރުން މަރުވިއިރު، ޖުމްލަ 26 ސްޓޭޓަކުން ޑޮކްޓަރުން މި ރާޅުގައި މަރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

އެއެސޯސިއޭޝަނުން މިދިޔަ މޭއި މަހުގެ ތެރޭގައި ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މޭއި މަހާއި ހަމައަށް ދެވަނަ ރާޅުގައި މަރުވެފައިވަނީ 719 ޑޮކްޓަރެކެވެ. އެހެން ކަމުން މަހެއް ނުވަނީސް އިތުރު 60 ވަރަކަށް ޑޮކްޓަރުން މިވަނީ ބަލީގައި މަރުވެފައެވެ.

މި ބަލީގެ ނުރައްކާ އިންޑިއާއަށް ފެށުނީއްސުރެ ވަނީ ބޮޑުވެފައެވެ. އޭގެ ހެއްކެއްގެ ގޮތުގައި އެނގިގެން ދަނީ އެގައުމުން އެ ބަލީގައި މަރުވާ މީހުންނެވެ. އެގައުމުން ފުރަތަމަ ރާޅުގައި 748 ޑޮކްޓަރަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

އިންޑިއާއަށް ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، އެގައުމުން މިހާނަތަށް އެ ބަލީގައި 394،524 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރެއިން 1،186 މީހަކު ފާއިތުވި 24 ގަޑިއިރު މަރުވެފައިވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު