އިންޑޮނޭޝިއާގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެ، ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އާބާދީގައި 270 މިލިއަން މީހުން ހިމެނޭ އިންޑޮނޭޝިއާގައި ކޮވިޑްގެ ހާލަތު މީގެކުރިން ނުވެއްޓޭ ހާލަތަށް މިހާރު ވަނީ ވެއްޓިފައެވެ.

ހޮނިހިރު ދުވަހާ ހަަމައަށް އެ ގައުމުން ދެ މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ވެރިކަންކުރާ ޖަކާޓާ އާއި އެހެންވެސް ސަރަހައްދުތަކުން ވޭދަނަތައް އިތުރުވެފައިވާ އިރު ހޮސްޕިޓަލުތައް ފުރުމަކާއި ގާތަށް ވަނީ އައިސްފައެވެ. އެގޮތުން މިހާރުވެސް، 75 އިންސައްތަ ހޮސްޕިޓަލުގެ އެނދުތައް ވަނީ ފުރިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހޮސްޕިޓަލުތައް ފުރިގެން ޖަކާޓާގައި އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޓެންޓު ޖަހާފައިވެއެވެ.

އެގައުމުގައި ކޮވިޑް ވޭދަތަނައް އިތުރުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ވެސް އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާގައި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި 1،800 ކުޑަކުދިންނަށް ކޮވިޑް ޖެހި، ބަލީގައި 14 ކުއްޖަކު މަރުވެފައިވާ ކަމަށް ކޮވިޑް ޓާސްކުފޯސްއިން ބުންޏެވެ. ފައްސިވެފައިވާ މީހުންގެ ތެރެއިން ތިންބައި ކޮށްފަ އެއްބައި ކުދިންނަކީ ޕްރީސްކޫލަށް ދާ އުމުރުފުރައިގެ ކުދިން ކަމަށް ޓާސްކުފޯސްއިން ބުންޏެވެ.

ކޮވިޑް އާލަމީވަބާގެ ފަހުން މިހާތަނަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 1،000 މީހަކު ކޮވިޑުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން 401 މީހަކީ ޑޮކްޓަރުން ކަމަށާއި، ޑޮކްޓަރުންގެ ތެރެއިން ވެސް 14 މީހުން ބަލީގައި މަރުވެފައިވަނީ ވެކްސިން ފުރިހަމަ ކޮށްފައިވަނިކޮށް ކަމަށް ބުނެފައިވެއެވެ.

މި މަހު، ސެންޓަރަލް ޖާވާއިން ވެކްސިން ޖަހާފައިވާ ޑޮކްޓަރުން ހިމެނޭހެން 300 ސިއްހީ ހިދުމަތްތެރިއަކު ކޮވިޑަށް ފައްސިވެގެން ރިކޯޑު ކޮށްފައިވެއެވެ. ދެކުނު ޖާވާގައި ހޮސްޕިޓަލުގެ 90 އިންސައްތަ އެނދުތައް ފުރިފައިވާއިރު، ބައެއް ހޮސްޕިޓަލު ތަކުގައި 100 އިންސައްތަ ވަނީ ފުރިފައެވެ.