ހައްދުފަހަނަ އަޅާފައިވާ އިސްރާއިލް ސިފައިން، ފަލަސްތީންގެ ޣައްޒާއަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުން ޣައްޒާ އަށް 11 ދުވަސް ވަންދެން ދިން ވަރުގަދަ ހަމަލާތަކަށް ފަހު، ހަމަލާ ދިނުން ހުއްޓާލަން އެއްބަސްވިއެވެ. އެ ހަމަލާތަކުގައި ފަލަސްތީންގެ 200 އަށް ވުރެ ގިނަ ބަޔަކު ޝަހީދުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވެއެވެ.

ހަމަލާ ދިނުން ހުއްޓާލަން އެއްބަސްވި ފަހުން އިސްރާއީލުން މިހާތަނަށް ވަނީ ޣައްޒާ އަށް ހަތަރު ފަހަރަށް ހަމަލާދީފައެވެ.

އިއްޔެ އިސްރާއީލުން ޣައްޒާއަށް ރޮކެޓް ހަމަލާތަކެއް ދިނުމަށް ފަހު ބުނެފައިވަނީ އެ ހަމަލާތައް ދީފައިވަނީ ހަމާސް ޖަމާއަތުގެ ހަތިޔާރުތައް އުފައްދާ ސައިޓަށް ކަމަށެވެ. ސިފައިން ބުނެފައިވަނީ ހަމަލާ ދީފައިވަނީ ޣައްޒާއިން ހުޅުހިފާ ޒާތެއްގެ ފުއްޕާހަމެއް އެރުވުމުން އޭގެ ބަދަލު ހިފުމަށް ކަމަށެވެ.

ޣައްޒާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

ޣައްޒާއަށް ދިން ބޮމުގެ ހަމަލާގެ އިތުރުން އިސްރާއީލް ސިފައިން ވަނީ ބަޑިޖަހައި ފަލަސްތީނުގެ ރައްޔިތަކަށް ހަމަލާދީފައެވެ. ފަލަސްތީނުގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ބަޑި ޖަހާފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއްގެ ގަޔަށެވެ. ވަޒަން އަރާފައިވަނީ އެ މީހާގެ މެޔަށް ކަމަށާއި، ބަޑި ޖަހާފައިވަނީ ގުސްރާ ވިލެޖުގައި ހުރި އޭނާގެ ގޭގެ ފުރާޅުމަތީގައި ހުއްޓައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލް ސިފައިންގެ ތަރުޖަމާނު ބުނީ ސިފައިން ބަޑިޖަހައި ހަމަލާދީފައި ވަނީ ގޭގެ ފުރާޅުމަތީގައި އޮވެ ސިފައިންނާއި ދިމާލަށް ބޮމެއް އެއްލާ މަންޒަރު ފެނުމުން ކަމަށެވެ. އަދި ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުުމުގެ ގޮތުން ބަޑިޖެހީ ކަމަށް ބުނެއެވެ.

ފަލަސްތީނުގެ މީހުން އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންނާއި، ޔަހޫދީންނާއި ދެކޮޅަށް އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދާތާ ހަފްތާއެއްހައި ދުވަސް ވެއްޖެއެވެ.