އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ފަރާތުން ފަހަކަށް އައިސް ފެންނަމުން ދަނީ ވަރަށް އާދަޔާއި ހިލާފު ކަންތައްތަކެވެ. އެންމެ ފަހުން އޭނާ މިވަނީ މީގެ ކުރިން ކޮށްފައިވާ ކަންތައްތަކަށް ވުރެ ވެސް ބޮޑު އާދަޔާއި ހިލާފު ކަމެއް ކޮށްފައެވެ.

ޒަމާނުއްސުރެ އުތުރު ކޮރެއާގެ ކޮންމެ ރައްޔިތަކު ވެސް ހާއްސަ ހުވައެއް ކުރަން ޖެހެއެވެ. އެހުވައިގައި އެގައުމުގެ ބާނީ ކިމް ސަންގް އާއި ކިމް ޖޮން އިލްގެ ގައުމީ ޚިދުމަތް ކިޔައެވެ. ނަމަވެސް ކިމް ޖޮން އުން މިވަނީ އޭނާގެ ބައްޕަ އާއި ކާފަގެ ޚިދުމަތްތަކާއި އެބޭފުޅުންގެ ނަން ވެސް މިހާރު ހުވައިން އުނިކޮށްފައެވެ.

އުތުރު ކޮރެއާ ރައްޔިތުންގެ ހުވައި އެމީހުން އެކި ރަސްމިއްޔާތުތަކުގައި އާކުރެއެވެ. މިހުވައި ފުރަތަމަ ކިޔަން ފެށީ ކިމް ސަންގްގެ ވެރިކަމުގައި 1970 ވަނަ އަހަރުއެވެ. އޭގެ ފަހުން ކިމް ޖޮން އިލް ވެރިކަމަށް އައުމަށް ފަހު އޭނާގެ ނަން އިތުރު ކޮށްގެން ވެސް ހުވައި ކިޔުން ކުރިއަށް ގެންދިޔައެވެ.

އުތުރު ކޮރެއާ ސަރުކާރުން ބުނީ ގައުމީ ހުވައި އެއްގޮތަކަށް ކިޔަމުން އަންނަތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާތީ އެލިޔުން ބަދަލު ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

އުތުރު ކޮރެއާގެ މިހާރުގެ ލީޑަރު ކިމް ޖޮން އުން ފަހަކަށް އައިސް އެމެރިކާ އާއި ގުޅުން ބަދަހިކުރަމުން އަންނައިރު އޭނާގެ ކާފަ އާއި ބައްޕަ އަކީ އެމެރިކާ އާއި ދެކޮޅަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ދެބޭފުޅުންނެވެ.