ތައިލެންޑުން ރިކޯޑު އަދަދަކަށް މީހުން ކޮވިޑް-19އަށް ފައްސިވެ، ބަލީގައި މަރުވަމުންދާތީ އެގައުމުގައި ކޮވިޑާއި ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކޮށް އާންމުން އެއްވެ އުޅުން މަނާ ކޮށްފިއެވެ.

މިދިޔަ ހަފްތާގައި ބެންގްކޮކް އާއި އިތުރު 9 ޕްރޮވިންސްއެއް ވަނީ ފުރަބަންދު ކޮށްފައެވެ.

އެގައުމުގެ ކޮވިޑް ޓާސްކްފޯސްއިން ރިޕޯޓު ކޮށްފައިވާގޮތުން 10,082 މީހުން ކޮވިޑަށް ފައްސިވެ، 141 މީހުން ބަލީގައި މަރުވެފައިވެއެވެ. މިއާއި އެކު ކޮވިޑް އާލަމީވަބާގެ ފަހުން މިހާތަނަށް ބެލި ޖެހުނު މީހުންގެ އަދަދު 391,989 އަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 3،240 އަށް އަރާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ޓާސްކްފޯސްއިން މައުލޫމާތު ދީފައިވާގޮތުން އެގައުމުން މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް ޑެލްޓާ ވޭރިއެންޓުގެ އަސަރު ކޮށްފައިވެއެވެ.

ތައިލެންޑްގައި އާންމުން އެއްވެ އުޅުން މަނާ ކޮށްފައިވާއިރު، ގަވާއިދާއި ހިލާފަ އެފަދަ ކަންކަން ކުރާ މީހުންނަށް ދެވޭ އަދަބެއްގެ ގޮތުން ގިނަ ވެގެން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 1،219.88 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ހުކުރު ދުވަހު ހާމަކޮށްފައިވާ މައުލޫމާތުގައި ބަޔާން ކޮށްފައިވެއެވެ.

ޑެލްޓާ ވޭރިއެންޓު ހަލުވި ކަމާއިއެކު ފެތުރެން ފެށުމުން އެ ވޭރިއެންޓުން ދިފާއުވުމުގެ ގޮތުން ގިނަ ގައުމުތަކެއްގައި އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން، ގައުުމުތަކުގައި ވެކްސިން ޕްރޮގްރާމްތައް ހަރުދަނާކަމާއި އެކު ކުރިޔަށް ގެންގޮސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށް ވަނީ އަމާޒުކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ތައިލެންޑުގެ 3.37 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައެވެ. އެއީ އާބާދީގެ ނިސްބަތުން ބަލާއިރު، 4.8 އިންސައްތަ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.