މެލޭޝިއާގައި މިހާރު ބޭނުން ކުރަމުން އަންނަ ސިނޮވެކް ވެކްސިންތައް ހުސްވުމުން އިތުރަށް އެ ވެކްސިން އޯޑަރުކޮށްގެން ވެކްސިން ނުދޭނެކަން އެ ގައުމުގެ ހެލްތް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރު އާދަމް ބާބާ ވިދާޅުވީ ދެން އެ ގައުމުގައި ކޮވިޑުން ދިފާއުވުމަށް ޖަހަމުން ދާނީ ފައިޒާ ވެކްސިން ކަމަށެވެ.

ސިނޮވެކް ވެކްސިން މެލޭޝިއާގައި ނުޖަހަން ނިންމާފައިވަނީ އެ ވެކްސިނުން ނުރައްކާތެރި ވޭރިއެންޓްތައް ރައްކާތެރިކޮށްދޭ ކަމާ މެދު ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ. އެ ގައުމުގައި ވެކްސިން ޕްރޮގްރާމްތައް ހަރުދަނާކޮށް، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ކޮށްފައެވެ. މި އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރަމުންދާ އިރު، މިހާރު އެ ގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. އިއްޔެ ވެސް އެ ގައުމުން ބަލީގައި 138 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެެއެވެ. މިއީ ރިކޯޑު އަދަދެކެވެ.

ސިނޮވެކްގެ އިތުރުން ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިނަށް ވެސް ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

ސިނޮވެކް ވެކްސިނުން ޑެލްޓާ ވޭރިއެންޓުން ރައްކާތެރިކޮށްދޭ މިންވަރު ކުޑަ ކަމަށް ބުނެ، ތައިލެންޑުގައި ނިންމާފައިވަނީ ސިނޮވެކް ވެކްސިން ޖަހާފައިވާ މީހުންނަށް ދެ ވަަނަ ޑޯޒް އެސްޓްރަޒެނަކައިން ދިނުމަށެެވެ. މިހާރު ނުރައްކާތެރި ވޭރިއެންޓްތައް ފެތުރެމުން އަންނަ އިރު، ވައިރަހުން ދިފާއުވުމުގެ ގޮތުން ކެނެޑާ ފަދަ ގައުމުތަކުގައި ދެ ވައްތަރުގެ ވެކްސިން ދީގެން ރައްކާތެރިކަން ކަށަވަރުކޮށްދޭތޯ ބެލުމަށް އަންނަނީ ތަހުލީލުތައް ކުރަމުންނެވެ.

އޮކްސްފޯޑް ޔުނިވާސިޓީން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެސްޓްރަޒެނަކަ ވެކްސިން ދިނުމަށްފަހު ފައިޒާ ވެކްސިންގެ ޑޯޒެއް ދިނުމުން ރައްކާތެރިކަން އިތުރުކޮށްދޭ ކަމަށެވެ. ނަމަވެސް، މި މަހު ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ވައްތަރުގެ ދެ ޑޯޒް ވެކްސިން ދިނުމަކީ ރައްކާތެރި ގޮތެެއް ނޫން ކަމަށެވެ.