އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބާލީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނަށް އޮކްސިޖެން ނުލިބި، އޮކްސިޖެންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ހެލްތް އެޖެންސީގެ ޗީފް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިންނަށް ހާއްސަ ރީތި ގޮނޑުދޮށްތަކާއި، ޓެމްޕަލްސްތައް ހުންނަ އެތައް ބައިވަރު ފަތުރުވެރިންތަކެއް ޒިޔާރާތްކުރަމުންދާ ބާލީގައި ވަނީ ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ހަރުކަށި ފިޔަވަޅުތައް މިއަދަށް ހަމަވާ އިރު، ބާލީގެ ސަރުކާރުން ވަނީ ފިޔަވަޅުތައް އިތުރަށް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ނިންމުމަށް މަޝްވަރާ ކުރަމުންނެވެ.

"އަހަރުމެންނަށް އޮކްސިޖެންގެ ދަތިކަން ކުރިމަތިވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން. ދުވަހަކަށް ވުރެ ދުވަހެއް ވޭދަނަތައް އިތުރުވެ ގައުމުގެ ހާލަތު މިދަނީ ގޯސްވަމުން. ބާލީގައި މިވަނީ އޮކްސިޖެންގެ ދަތިކަން އިތުރުވެ ކާރިސާއަކާ ކުރިމަތިލާން ޖެހިފައި" ކެޓޫޓު ސުއަރްޖަޔާ، ބާލީ ހެލްތް އެޖެންސީގެ ޗީފް ވިދާޅުުވިއެވެ.

ސުއަރްޖަޔާ ވިދާޅުވީ ބާލީގައި ތިބި ބަލި މީހުންނަށް 113.3 ޓަނުގެ އޮކްސިޖެން މިދިޔަ ބުރާސްފަތި ދުވަހު ބޭނުންވިއިރު، ހޮސްޕިޓަލްތަކުގައި ލިބެން ހުރީ 40.5 ޓަނުގެ އޮކްސިޖެން ކަމަށެވެ. އިންޑޮނޭޝިއާގެ ޖާވާގައި ވެސް އޮކްސިޖެންގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އިންޑޮނޭޝިއާ ސަރުކާރުން އަންނަނީ ޗައިނާ އާއި އެމެރިކާއިން އޮކްސިޖެން އިމްޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑޮނޭޝިއާގައި މިހާތަނަށް ތިން މިލިއަން މީހުންނަށް ކޮވިޑް ބަލި ޖެހިފައިވާއިރު، 80,598 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އޮފިޝަލުން މައުލޫމާތު ދީފައިވާގޮތުން އެގައުމުގައި މިހާރު ވޭދަނަތައް އިތުރުވެފައިވަނީ އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓާ ގުޅިގެންނެވެ.