މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައައިފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި އެގައުމުން 17,045 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައިވެސް ދުވާލަކު އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 15،000 އަށް ވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މެލޭޝިއާގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ މިހާތަނަށް އެގައުމުން 7,994 މީހުން ބަލީގައި މަރުވެފައިވާ ކަމަށެވެ.

ޖޫން 28ވަނަ ދުވަހު އެގައުމުގެ ސަރުކާރުން ވަނީ ފުރަބަންދުގެ މުއްދަތު ވަކި ދުވަހެއް ނެތްގޮތަށް އިތުރުކޮށްފައެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ދަށަށް ގޮސްފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ ހަފްތާގައި އެގައުމުގެ ސިއްހީ ވުޒާރާއިން ބުނީ އެގައުުމުން ފައްސިވާ މީހުންގެ 70 އިންސައްތަ މީހުންނަކީ މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އުޅޭ މީހުންނެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލުތަކުން ބަލިމީހުން އެނދުމަތިކުރުމަށް އެނދުގެ ދަތިކަމާއި، އޮކްސިޖެން އަދި ވެންޓިލޭޓަރުގެ ދަތިކަން ވެސް ވަނީ ދިމާވެފައެވެ.

މެލޭޝިއާ ސަރުކާރުން މިދިޔަ ހަފްތާގައި ހާމަކޮށްފައިވާ ގޮތުން ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލުތައް އިތުރުކޮށް، އިތުރު އޮކްސިޖެން ޓޭންކުތަކާއި، އެނދުތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގައުމުގައި މިހާތަނަށް 16.9 މިލިއަން ޑޯޒް ވެކްސިން ދީފައިވެއެވެ. އޭގެ ތެރެއިން 5.4 މިލިއަން މީހުންނަށް ވަނީ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައެވެ. އެއީ މެލޭޝިއާ އާބާދީގެ 16.9 އިންސައްތަ މީހުންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކޮވިޑާއި ގުޅިގެން މެލޭޝިއާގައި އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރަން ވަނީ ނިންމާފައެވެ.