އިންޑޮނޭޝިއާގެ މައި ސިޓީ ޖަކާޓާގެ ޒުލެއްގައި ތިބި ސުމަޓްރަން މިނިކާވަގުތަކެއް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އެ ޒުލުން ކޮވިޑަށް ފައްސިވެފައިވަނީ ދެ މިނިކާވަގެކެވެ. އެއީ އުމުުރުން ނުވަ އަހަރުވެފައިވާ ޓީނޯ އާއި 12 އަހަރުގެ ހޭރީއެވެ. ރަގުނާން ޒުލުގައި ކޮވިޑަށް ފައްސިވެފައިވާ މިނިކާވަގަށް ޖަނަވާރުންނަަށް ފަރުވާކުރުމަށް ހާއްސަ ޑޮކްޓަރަކު އަންނަނީ ފަރުވާ ދެމުންނެވެ. އަދި އެ ޑޮކްޓަރު ލަފާކޮށް ބުނެެފައިވާ ގޮތުންނަމަ ފަރުވާއަށް ފަހު މިނިކާވަގުތަކުގެ ހާލަތު އަންނަނީ ކުރިއަށްވުރެ ރަނގަޅުވަމުންނެެވެ.

ޓީނޯ އަށް އެންމެ ފުރަތަމަ ފެންނަން ފެށި ކޮވިޑް އަލާމާތްތަކުގެ ތެރޭގައި ކެއްސާއި ކިނބިހި އެޅުމާއި، ނޭވާލާން އުނދަގޫވުން އަދި ކާއެއްޗެއްސާއި ދުރުވުން ހިމެނެއެވެ. ޓީނޯގެ ގައިން ކޮވިޑް އަލާމާތްތައް ފެންނަަން ފަށާފައިވަނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން ހޭރީގެ ގައިން ވެސް އަލާމާތްތައް ފެންނަން ފަށާފައިވާކަން އޮފިޝަލުން ފާހަގަކުރިއެވެ.

އަދި އެ ދެ މިނިކާވަގުގެ ގައިން އަލާމާތްތައް ފެންނަން ފެށުމާއި އެކު ދެ ޖަނަވާރުވެސް ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ލިބުނީ ފައްސި ނަތީޖާއެެވެ. ސުމަޓްރަން މިނިކާވަގަކީ އެގައުމުގައި ހިމާޔާތްކޮށްފައިވާ ޖަނަވާރަކަށް ވެފައި، މިއީ އެގައުމުން ޖަނަވާރެއް ކޮވިޑަށް ފައްސިވީ ފުރަތަމަ ފަހަރެވެ.

މިނިކާވަގުތަކަށް އެންޓިބިއޮޓިކްސް އާއި މަލްޓިވިޓަމިން ދީ ފަރުވާ ކުރަމުން އަންނަތާ 12 ދުވަސް ވެފައިވާއިރު މިހާރު އެސޮރުމެންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޒުލުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި ޖަނަވާރުތައް ކޮވިޑަށް ފައްސިވުމާއި އެކު ޒުލުގައި ޑިއުޓީކުރާ މުވައްޒަފުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އެ އެންމެންގެ ނަތީޖާ ނައްސިވުމާއި ގުޅިގެން ދެން މިނިކާވަގުތަކަށް ކޮވިޑް ޖެހުމަށް މެދުވެރިވި ސަބަބު ހޯދުމަށް ޖަނަވާރުންނަށް ފަރުވާކުރުމަށް ހާއްސަ ޑޮކްޓަރު އިސްވެ އަންނަނީ ބަލަންޖެހޭ މިންގަނޑުތަކާއި އެއްގޮތަށް ބަލަމުންނެވެ.