ތުރުކީގެ އެކި ސަރަހައްދުތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް އެޤައުމުގެ އިންޖީނުގެތަކާއި ހިސާބަށް ފޯރަމުންދާކަމަށް މީޑިޔާ ރިޕޯޓްތަކުން ބުނެފިއެވެ.

އަލިފާނުގެ ކާރިސާގެ ސަބަބުން ތުރުކީގެ އަލިފާން ނިއްވާ ފަރާތްތަކާއި އާންމުން ހުއްޓުމެއް ނެތި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ހަތް އަލިފާންގަނޑެއް ކޮންޓްރޯލް ކުރެވިފައިވާކަމަށް ތުރުކީގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި ތުރުކީގެ އެކި ސަރަހައްދުތަކުގައި ރޯވަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން މީހުން ދިރިއުޅޭ 42 ހިސާބަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އޭގެ ތެރެއިން 27 ސަރަހައްދުން މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ގެންގޮސްފައެވެ.

ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ބޮޑު ކާރިސާގައި ގާތްގަނޑަކަށް 18،000 އަށްވުރެ ގިނަ މީހުންނަށް ފެނާއި ކަރަންޓު ނުލިބެއެވެ.

އަދި މިހާރުވެސް ކަރަންޓުގެ ހިދުމަތްދޭ ތަންތަނުގައި އަލިފާން ނިއްވާ ފަރާތްތަކުން ހަރަކާތްތެރިވަމުންދާއިރު ގިނަ އާންމުން ދަނީ އެ ސަރަހައްދުތަކުން ދުރަށް ދަމުންނެވެ.

ތުރުކީގައި ރޯވެފައިވާ އަލިފާންގަނޑު ހުއްޓުވަން 51 ހެލިކަޕްޓަރާއި 20 މަތިންދާބޯޓު ބޭނުންކުރާކަމަށް އެޤައުމުގެ ރައީސް އުރްދުގާން ވަނީ ވިދާޅުވެފައެވެ.

އަދި ފާއިތުވި އަށްދުވަސްތެރޭގައި ތުރުކީގެ އެކި ހިސާބުތަކުގައި 187 އަލިފާންގަނޑު ރޯވެފައިވާކަމަށް އުރްދުގާން ވިދާޅުވިއެވެ.

ތުރުކީގައި ރޯވަމުންދާ އަލިފާންގަނޑުތަކަކީ އާންމު ފަރާތްތަކުން ރޯކުރަމުންދާ އަލިފާންގަނޑުތައްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ މި އަލިފާންގަނޑުތަކަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހޫނުކަމުގެ ސަބަބުން ރޯވަމުންދާ އަލިފާންގަނޑުތައް ކަމަށެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހުއްޓުމެއްނެތި ރެއާއި ދުވާލު ބައެއް ފަރާތްތަކުން ނުނިދާ މަސައްކަތުގައި އުޅޭކަންވެސް ފާހަގަ ކުރެވެއެވެ.