ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރަށް ނުފޫޒު ފޯރުވައި، އެ ގައުމުގައި އިސްލާމީ ޝަރީއަތް ގާއިމް ކޮށްފިނަމަ ޖަރުމަނުން ދެމުން ގެންދާ މާލީ އެހީތެރިކަން ކަނޑާލާނެ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރ ހެއިކޯ މާސް ވިދާޅުވެއްޖެއެވެ.

މާސް ވިދާޅުވީ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއަތް ތައާރަފު ކޮށްފިނަމަ އެ ގައުމަށް ދެމުންދާ އެހީތެރިކަން ކަނޑާލާން ޖެހޭނެކަމަށެވެ. އަދި ކޮންމެ އަހަރަކު ޖަރުމަންވިލާތުން އެހީގެ ގޮތުގައި އަފްޣާނިސްތާނަށް 505 މިލިއަން ޑޮލަރު ދެމުން ގެންދާ ކަމަށާއި، ތާލިބާނުން އަފްޣާނިސްތާނުގެ މައްޗަށް ނުފޫޒު ފޯރުވައި، އިސްލާމީ ޝަރީއާ ގާއިމްކޮށްފިނަމަ އެ އެހީވެސް ކަނޑާލަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރަމުން އަންނަ ތާލިބާނުންގެ އަސްކަރީ ގުރޫޕުތަކާއި ދެކޮޅަށް އަފްޣާނިސްތާނުގެ ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އަފްޣާނިސްތާނުގެ ނުވަ ސަރަހައްދު ތާލިބާނުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާއިރު، ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްދާނެކަމަށް އެމެރިކާއިން ލަފާކޮށްފައިވެއެވެ. އެމެރިކާއިން އެހެން ބުނެފައިވަނީ ކާބުލްއާ 150 ކިލޯމީޓަރު ދުރުގައި އޮންނަ ގަޒުނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެނައުމުންނެވެ.

އަފްޣާނިސްތާނުގެ ތިންބައިކުޅަ ދެބައިވަނީ ތާލިބާނުންގެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ތާލިބާނުން ބުނެފައިވަނީ އެ ޖަމާއަތުގެ މަގްސަދަކީ މުޅި އަފްޣާނިސްތާން އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސް އެ ގައުމުގައި އިސްލާމީ ޝަރީއަތުގެ ނިޒާމެއް ގާއިމުކުރުންކަމަށެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިހާދު، ނޭޓޯގެ ފައުޖުތައް 20 އަހަރުދުވަހަށްފަހު އެ ގައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި އެ ގައުމުގެ އެކި ސަރަހައްދުތަކަށް ތާލިބާނުން ދެމުންދާ ހަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ. އދ. އިން ބުނެފައިވާ ގޮތުގައި ތާލިބާނުންގެ ހަމަލާތަކުގައި ފާއިތުވި މަސްދުވަހުގެ ތެރޭގައި 1،000 މީހުންވަނީ މަރުވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޠަންޑާ

    ޖަރުމަން ކުޑަކޮށް ކޮސް ގޮވަނީ. އިސްލާމީ ޝަރީއާ ގާއިމްކޮށްފަ އޮތީ ކިތައް ގައުމުބާ؟ ދުނިޔޭގެ އެަތް ގައުމެއްގަ އޮތީ އިސްލާމީ ޝަރީއާ. އެގައުމުތަކަށް ވެސް ޖަރުމަނުންދޭ އެހީ ކަނޑާލަންވީނު؟ އިސްލާމްދީނުގެ ނޫރު ފޮހެލަން ޖަރުމަނާ ފަރަންސޭސިން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެ

    22
    2
  2. .......

    ތިންބައިކުޅަ ދެބައޭ...އަފްޣާން ގެ %95 އޮތީ ތާލިބާނުންގެ އަތުގަ...މީގެ އަހަރުތަކެއް ކުރީއްސުރެ %80 ތާލިބާނުންގެ އަތްދަށަށް ގޮސްފި...އެތަން ތަން އަތުނުލެވި އެމެރިކާ ގޮތް ހުސްވެ ފައިބާގެން އެދިޔައީވެސް...މިހާ ސާފުކޮށް ބޮޑުކޮށް ފެންނަން ހުރި ކަން ކަން ވެސް އޮޅުވާލަން އުޅޭތީ ލަދުގަނޭ...އެ %80ޕަސެންޓްގަ އުޅޭނީ ރައްޔިތުންނެއް ނޫންބާ...ހަމަ އެކަނި ވެރިކަން ކުރާ ސިޓީގައިތޯ ރައްޔިތުން ތިބީ...

    12
    2
  3. ކަހުރަބު

    މުސްލިމުން ނުސިހޭނެ ބަލަގަ ރިޒްގް ދެއްވަނީ ޖަ ރުމަނަކުން ނޫން

    21
    4
    • ޕޫޓިން

      ތޯލިބާނުން ބޭނުން ވަނީ އިސްލާމީ ގާނޫނު ހިންގާކަށް ނޫން. ދުނިޔޭގައި ލެއްވިހާ ނުބައި ކަމެއް ކޮށްފައި އެކަމުވެސް ބޭނުން ވަނީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރާށޯ.

      8
      9
  4. އަލްޖިބްރާ

    ޖަރުމަނު ! ވަކި ކަލޭމެން އެކަންޏެއް ނޫން އިސްލާމީ ޝަރީޢަތް ހަލާކުކުރަން މަސައްކަތް ކުރަނީ ! އިސްލާމްދީނާއި ދެކޮޅު ހުރިހާ ޤައުމަކުން މަސައްކަތް ކުރަނީ މުޅިދުނިޔޭން އިސްލާމް ދީން ފޮހެލާ ނައްތާލަން ! އެކަމު އެއީ ކަލޭމެނަށް އަދި އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ! ތިއުޅެނީ މޮޔަވެގެން !

    9
    1