ކޮވިޑް-19 ޖެހިގެން ވިއެޓްނާމުން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ޤައުމީ އިދާރާއަކުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވިއެޓްނާމުން ކޮވިޑް ޖެހިގެން އިތުރު 737 މީހަކު ވަނީ މަރުވެފައެވެ. މިއީ މިހާތަނަށް އެގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ ގިނަ ބަޔަކު އެގައުމުން މި ބަލީގައި މަރުވެފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެއީ 393 މީހެކެވެ.

ވިއެޓްނާމުން އިތުރު 737 މީހަކު މަރުވެފައިވާއިރު، އިއްޔެ އެގައުމުން މި ބަލި ޖެހިގެން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އޭގެ ކުރީ ދުވަހު އެގައުމުން 390 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 69 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ވިއެޓްނާމުން އިތުރު 11,214 މީހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 348,059 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 7,580 މީހަކު ރަނގަޅުވެ، ޖުމްލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 147,667 އަށް އަރާފައެވެ.

އެގައުމުގައި މިވަގުތު މި ބަލި ޖެހިފައި ތިބި 192،115 މީހަކު ތިބިއިރު އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ނުވަތަ އެންމެ ނުރައްކާތެރި ވައްތަރު ފެތުރެމުން އަންނައިރު، ވިއެޓްނާމްގައި ވެސް ކޮވިޑްގެ ނުރައްކާތެރި ވައްތަރެއް ފެތުރި ހަތަރު ވަނަ ރާޅެއް އަރާފައިވާ ކަމަށް އެގައުމުން ވަނީ މީގެ ކުރިން ބުނެފައެވެ.