ކޮވިޑް-19 އާއި ގުޅުންހުރި ހިޔާނާތުގެ މައްސަލައެއްގައި އިންޑޮނޭޝިއާގެ ކުރީގެ ސޯޝިއަލް އެފެއާޒް މިނިސްޓަރު ޖުލިއާރީ ޕީޓާ ބަޓުބާރާ، 49، 12 އަހަރަށް ޖަލަށްލުމަށް މިއަދު ހުކުމް ކޮށްފިއެވެ.

ބަޓުބާރާ ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

އިންޑޮނޭޝިއާގެ ހިޔާނާތުގެ މައްސަލަތައް ބަލައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކޮވިޑާއި ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބައެއް ސާމާނު ހޯދަން ވަކި ބަޔަކަށް ދިނުމަށް ބަޓުބާރާ ރިޝްވަތު ނެގިކަމަށެވެ. އެ ސާމާނު ހޯދަން އިއުލާނު ކޮށްފައިވަނީ ބަލިމަޑުކަމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ސަރުކާރުން އިއުލާންކުރި އިޖުތިމާއީ އެހީތެރިކަމުގެ މަޝްރޫއުގެ ދަށުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

12 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ކޯޓުންވަނީ 35،000 ޑޮލަރުން ބަޓުބާރާ ޖޫރިމަނާ ވެސް ކޮށްފައެވެ. އަދި މި ޖޫރިމަނާގެ ފައިސާ ނުދެއްކޭނަމަ ޖަލު ހުކުމްގެ މުއްދަތު އިތުރުކުރުމުގެ ބާރު ގާޒީއަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހިޔާނާތްތެރިވެފައިވާ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމުގެ އިތުރުން ޖަލު ހުކުމު ތަންފީޒުކުރުމަށްފަހު ހަތަރު އަހަރުދުވަހަށް ސިޔާސީ މަގާމެއް ނުފުރޭނެ ގޮތަށްވެސް ބަޓުބާރާގެ މައްޗަށް ކޯޓުން ހުކުމުކޮށްފައިވެއެވެ.

ބަޓުބާރާ އަކީ މިދިޔަ ޑިސެމްބަރު މަހު ހިޔާނާތުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެވަނަ މިނިސްޓަރެވެ. އޭގެ ކުރިން މެރިޓައިމް އެފެއާޒް/ފިޝެރީޒް މިނިސްޓަރ އެދީ ޕްރަބޯވޯގެ މައްޗަށް ވަނީ ހިޔާނާތުގެ ތުހުމަތުކޮށް ހައްޔަރު ކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން ޕްރަބޯވޯ އިސްތިއުފާ ދެއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.