ކޮވިޑް-19 އިން ދިފާއުވުމަށް އިސްރާއީލުގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖަހައިގެން ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ނުކުރެވުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ކޮވިޑް ފެތުރުން ނުހުއްޓުުވުމުން އެގައުމުގައި ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން، އިސްރާއިލުގެ ރެސްޓޯރެންޓްތަކަށާއި، ޕަބްލިކް ޕޫލްތައް، މިއުޒިއަމްތައް ފަދަ އާންމުން އެއްވާ ތަންތަނަށް ވަދެ ނިކުތުމަށް ގްރީން ޕާސް ބޭނުންކުރަން ވަނީ ނިންމާފައެވެ. މީގެ ކުރިން މި ޕާސް ދީފައިވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. ނަމަވެސް، އެއާއި ހިލާފަ މިފަހަރުގެ އާ އުސޫލާއެކު ވެކްސިން ޖެހުމަށް އުމުރުހަމަނުވާ ކުޑަކުދިން އަތުގައި ވެސް ގްރީން ޕާސް އޮންނަން ޖެހެއެވެ. މިއީ އިސްރާއިލުގެ ސަރުކާރުން ކޮވިޑުގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓުން ދިފާއުވުމަށް އެކުލަވާލައިފައިވާ އުސޫލުތަކެކެވެ.

އިސްރާއިލުގައި ކޮވިޑް ފެތުރެމުން އަންނައިރު އެ ގައުމަކީ ދުނިޔޭގައި އެންމެ ފުރަތަމަ އާބާދީގެ އެންމެ ބޮޑު ބަޔަކަށް ވެކްސިން ދީފައިވާ ގައުމުކަން ފާހަގަ ކޮށްލެވެއެވެ. އެގައުމުން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިނުވަނިސް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. ޖޫންމަހުގެ ތެރޭގައި އެ ޤައުމުގައި މާސްކް ނާޅާގޮތަށް އުސޫލު ބަދަލުކޮށްފައިވާއިރު މިހާރު އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު 5.4 އިންސައްތަ ވަނީ އިތުރުވެފައެވެ. އެހެން ކަމުން، އާ އުސޫލުތަކާއި އެކު މާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިސްރާއިލުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނީ އެ ގައުމަށް ހަތަރުވަނަ ފަހަރަށް ގައުމު ފުރަބަންދު ކުރުން ހުއްޓުވުމަށްޓަކައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށެވެ.

ސިއްހީ މާހިރުން ބުނެފައިވަނީ އިސްރާއިލުގައި ކޮވިޑް ފެތުރެން ދިމާވެފައިވާ ކަމަށް ލަފާކުރެވޭ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ދެ ސަބަބެކެވެ. އެއީ އެ ގައުމުގައި ކޮވިޑުން ދިފާއުުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ މާސްކް އެޅުން ހުއްޓާލުމާއި، މޮޑާނާ ވެކްސިނުގެ ބަދަލުގައި ފައިޒާ ވެކްސިން ޖެހުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު