އަފްޣާނިސްތާނުގެ ސިއްހީ ނިޒާމް ބޮއްސުންލައިގެން ހިނގައިދާނެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ މައި ދެ އެޖެންސީއަކުން ބުނެފިއެވެ. މި އެޖެންސީތަކުން މިފަދައިން ބުނެފައިވަނީ ޠާލިބާނުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމާއި ގުޅިގެން ބޭރު ގައުމުތަކުން އަފްޣާނިސްތާނަށް ދެމުން ގެންދިޔަ އެހީތައް ކަނޑާލައިފައި ވަނިކޮށެވެ.

ވޯލްޑް ބޭންކާއި ޔޫރަޕިއަން ޔޫނިއަން ހިމެނޭހެން ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ އަފްޣާނިސްތާންގެ ފަންޑްތައް ފްރީޒް ކޮށްފައެވެ. ވޯލްޑް ބޭންކުން އަފްޣާނިސްތާނުގެ މިލްކިއްޔާތުގައި ހުރި 9 ބިލިއަން ޑޮލަރު ފްރީޒް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަފްޣާނިސްތާނުގައި ހުރި އެންމެ ވަރުގަދަ އެއް މެޑިކަލް އެޖެންސީ، މެޑިސިން ސެންސް ފްރޮންޓިއާޒްއިން ބުނީ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ސަޕޯޓު ނުލިބުމުގެ ސަބަބުން ސިއްހީ ނިޒާމު ބޮއްސުންލައިގެން ދިއުން ކަމަށެވެ. އަފްޣާނިސްތާނުގެ އޯވާރޯލް ސިއްހީ ނިޒާމް ހިންގަމުންދަނީ މަދު މުވައްޒަފުންނާއި، މަދު ސިއްހީ އާލާތްތައް އަދި ކުޑަ ބަޖެޓެއްގެ ތެރެއިންކަން ފާހަގަ ކޮށްފައިވެއެވެ. އަދި މިގޮތަށް އަހަރުތަކެއް ވަންދެން ސިއްހީ ނިޒާމް ކުރިޔަށް ގެންގޮސްފައިވާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި އެކަން އެގޮތަށް ނުވެދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

އަފްޣާނިސްތާނުގެ ބެންކުތައް ބަންދުކުރުމާއެކު މުވައްޒަފުންނަށް މުސާރަ ނުދެވި، ފަންޑުތައް ނުނެގި ތިބެން ޖެހިފައިވާ ކަމަށް އިންސާނީހައްގުތައް ހޯދަން މަސައްކަތްކުރާ އެޖެންސީތަކުން ބުނެއެވެ. އަދި މި ދަނޑިވަޅުގައި ސިއްހީ ފަރުވާއަށް ކުރާ ޑިމާންޑް ބޮޑުވެފައިވުމުން، މީގެ ކުރިން ގިނަ ދުވަސް ވަންދެން ގެންގުޅޭ ސަޕްލައިތައް މިހާރު އަވަހަށް ހުސްވާކަން ފާހަގަ ކޮށްފައިވެއެވެ.

އަފްޣާނިސްތާންގެ ހާލަތު ގޯސްވެގެން ދިއުމުގެ ބިރު އޮތް ނަމަވެސް ޠާލިބާނުން އަފްޣާނިސްތާން ކޮންޓްރޯލް ކުރަމުން ދާނަމަ ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީތެރިކަން އެގައުމަށް ލިބުން ދުރުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސިޠާ/މަރަދޫ

    20 އަހަރު ވަންދެން އެމެރިކާ ސިފައިން ތިބިއިރު އިންސާނީ ވަޞީލަތްތަކާއި އިމްރާނީ ތަރައްޤީއަށް ކުރި މާބޮޑުކަމެއް ނެތީތާ؟

    2
    1