އަލްޣައިދާގެ ލީޑަރު އުސާމާ ބިން ލާދިން ދުނިޔޭގައި ހުރިއިރު އެންމެ އަރިހުގައި މަސައްކަތް ކުރި އަމީން އަލް-ޙައްގު އެނބުރި އަފްޣާނިސްތާނަށް ހިނގައްޖެއެވެ. އަމީން އޭނާގެ އަމިއްލަ އަވަށަށް ދިޔަ ވީޑިއޯއެއް މިހާރު ވަނީ އާއްމުވެފައެވެ. މިއީ 2001 ވަނަ އަހަރު އެމެރިކާ އިން ޠާލިބާނުންގެ ވެރިކަން ވައްޓާލި ފަހުން ފާއިތުވި 20 އަހަރު ތެރޭގައި އަމީން އޭނާގެ އަމިއްލަ އަވަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އަމީނަކީ އަލްގައިދާ ޖަމާއަތަށް ހަތިޔާރު ހޯދުމުގެ މަސައްކަތް އެންމެ އިސްކޮށް ކުރާ މީހާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އުސާމާ ބިން ލާދިން ދުނިޔޭގައި ހުރިއިރު އުސާމާ ބިން ލާދިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް މީހެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވަނީ އަމީނެވެ.

ޓޯރާ ބޯރާ ފަރުބަދަ ތަކުގައި އުސާމާ ބިން ލާދިން ފިލައިގެން އުޅުނުއިރު ވެސް އެންމެ އަރިހުގައި ހުރި އެކަކީ އަމީނެވެ. އެސަރަހައްދަށް އެމެރިކާ އިން ދިން ވަރުގަދަ ހަމަލާތަކުން އަމީނާއި އުސާމާ ބިން ލާދިން ސަލާމަތްވީ ވަރަށް ހަނިގޮތަކަށެވެ.

އަމީން އޭނާގެ އަވަށަށް އެނބުރި އައިއިރު ހަތިޔާރާއިއެކު އަލްގައިދާގެ ހަނގުރާމަވެރިން އެސަރަހައްދުގައި ތިއްބެވެ. އޭނާ ދަތުރުކުރި ވެހިކަލްގެ ވަށައިގެން ހަތިޔާރު އެރި ހަނގުރާމަވެރިން ވެހިކަލްތަކުގައި ދަތުރު ވެސް ކޮށްފައި ވެއެވެ. ހަނގުރާމަވެރިން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ލީޑަރެއްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފެންވަރުގައެވެ.

އަމީން އެނބުރި އޭނާގެ އަވަށަށް އައުމަކީ ޠާލިބާނުންގެ ވެރިކަމުގައި އަލްގައިދާގެ ހަރަކާތްތައް އަފްޣާނިސްތާންގައި ވަރުގަދަ ވެގެން ދާނެ ކަމުގެ ހެއްކެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އުސާމާ ބިން ލާދިންގެ އެންމެ އަރިސް މީހާ އަފްޣާނިސްތާނަށް އައުމާއި ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ އޮފިޝަލުންނާއި މީޑިއާތަކުން ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް ޕެންޓަގަންގެ އޮފިޝަލުން ވަނީ އެއީ އިންޓެލިޖެންސް އާއި ގުޅޭ މައުލޫމާތެއް ކަމަށް ބުނެ ސުވާލަށް ޖަވާބު ދޭން ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިސްވޭ

    އުސާމާ ބިންލާދިން އަކީ ޓެރެރިސްޓެއް ކަމަށް ބުނަނީ އެމެރިކާދޯ ހަގީގަތަކީ އުސާމާ ބިން ލާދިން އަކީ އިސްލާމީ އެސޫލުތައް ކުރި އަރުވާ މީހަކަށް ވެފައި ގިނަ ބައެއްގެ ތާއީދު އޮންނާތީވެ އެމެރިކާ ޖެލަސްވީއޭ އެއީ މީގެ ހަގީގަތަކީ

    11
    3