އިސްލާމް އާބާދަކީ ތާލިބާނުންގެ ތަރުޖަމާނު ނޫން ކަމަށް ވިދާޅުވެ، އަފްޣާނިސްތާނުގައި ތާލިބާން ޖަމާއަތުން ހިންގަމުންދާ ޖަރީމާތަކުގެ ޒިންމާ ނުއުފުލާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން ވިދާޅުވެއްޖެއެވެ.

މިފަދަ ގޮތަކަށް އިމްރާން ވާހަކަ ދައްކަވާފައި މިވަނީ، އަފްޣާނިސްތާނުގެ މީޑިއާ މެންބަރުންނާއެކު އެންމެ ފަހުން ކުރިއަށް ގެންދެވި ބައްދަލުވުމުގައެވެ. އަދި އެ ބައްދަލުވުމުގައި އިމްރާން ވަނީ އަފްޣާނިސްތާނުގެ ރައްޔިތުން ހިޔާރު ކުރާ ކޮންމެ ބަޔަކާއެކުގައިވެސް ޕާކިސްތާނުން ރަނގަޅު ގުޅުންތަކެއް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.

"ތާލިބާނުން އަފްޣާނިސްތާނުގައި ހިންގަމުންދާ ޖަރީމާތަކާއި ޕާކިސްތާނާއި އެއްވެސް ގުޅުމެއް ނެތް، ޕާކިސްތާނަކީ ތާލިބާނުންގެ ތަރުޖަމާނެއް ނޫން، އަދި އެ ޖަމާއަތުން ހިންގާ ޖަރީމާތަކުގެ ޒިންމާއެއް ވެސް ޕާކިސްތާނުން ނަގާކަށް ނުޖެހޭ" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެ އަފްޣާނިސްތާނުގެ ރައްޔިތުން ހިޔާރުކުރާ ކޮންމެ ބަޔަކާއެކުގައި ވެސް ގުޅުންތައް ދަމަހައްޓާނެ ކަމަށް ބުނެފައިވަނީ އެގައުމުން ތާލިބާން ޖަމާއަތައް ވާގިވެރިވާކަމަށް އެތައް ތުހުމަތެއް ކޮށްފައިވަނިކޮށެވެ. އެގޮތުން ތާލިބާން ޖަމާއަތާއި ޕާކިސްތާނުން ގުޅިގެން މީގެ ކުރިން އަފްޣާނިސްތާނުގައި ހުރި ޓޭންކަރު ފަދަ އަސްކަރީ އުޅަނދުތައް ވެސް ޕާކިސްތާނަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ކަން މިހެން އޮތްއިރު ޕާކިސްތާނުގެ އޮފިޝަލުންވެސް ގެންދަވަނީ، އަފްޣާނިސްތާނުގެ ސުލްހަ މަޑުޖެހުމަކީ ޕާކިސްތާނުން އެކަމުގެ ޒިންމާ އުފުލާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދިފާއު ހޯއްދަވަމުންނެވެ.

އަފްޣާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ކުރުމަކީ، އެ ކަމުގައި ޕާކިސްތާނުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި، ބަޔަކު ލައްވާ، އަފްޣާނިސްތާނުގެ ވެރިކަން އަތުލުމުގައި ޕާކިސްތާނަށް އޮތީ ކޮން ފައިދާއެއްތޯ ވެސް އިމްރާން ވަނީ ސުވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޕާކިސްތާނުން ތާލިބާނުން ފިލުމަށް އެހީނުވިނަމަ ތާލިބާނުންގެ އެންމެން އެމެރިކާގެ ބާރުގަދަ ހަތިޔާރުތައް ދަށުގެ މަރުވެންދާނެ.ތާލިބާނުން މޮޅުވީ އަސްލު ޕާކިސްތާނުން އެހީވެގެން