ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެން ފެށުމާއި އެކީ ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅު އެޅި އެއް ގައުމު ތެރޭގައި މެލޭޝިއާ ހިމެނެއެވެ. އެއީ ބަލިން ރައްކާތެރިވުމަށް މީހުންނަށް އިރުޝާދުތައްދީ، އެފަރާތްތަކުން އިރުޝާދުތަކަށް ބޯލަނބާތޯ ސަރުކާރުން ވަނީ ބުރަ މަސައްކަތެއް ކޮށްފައެވެ. އެހެން ނަމަވެސް މިވަގުތު މެލޭޝިއާގެ ހާލަތު ވަނީ ހީވެސް ނުކުރާހާ ގޯސްވެފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށުމާއި އެކީ ގިނަ ބަޔަކު ހީކޮށްގެން ތިބީ އެ ވައިރަސް އަކީ އޭގެ ސަބަބުން އިތުރު ނުރައްކާތެރި ވައްތަރެއް ނުވަތަ ވޭރިއެންޓެއް ނުއުފެދޭނެ ވައިރަސް އެއް ކަމަށް ހީކޮށްގެންނެވެ. އެއާއި ހިލާފަށް ވައިރަސްގެ އިތުރު ބާރު ގަދަ ވައްތަރުތައް ދުނިޔޭގެ އެތަން މިތަނުގައި މިވަގުތު ވަނީ ފެތުރެން ފަށާފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިވަގުތު ފެތުރެމުން އަންނަ އެންމެ ނުރައްކާތެރި އެއް ވައްތަރަކީ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓެވެ. އެއީ އެހެން ވައްތަރުތަކާއި ހިލާފަށް ބަލި ހަލުވި ކަމާއި އެކީ ފެތުރި، ނުރައްކާތެރިކަން ބޮޑުވުމުންނެވެ.

މެލޭޝިއާގެ އެންމެ ފަހުގެ ހާލަތަށް ބަލާއިރު، އެގައުމުން މިހާތަނަށް ފައްސިވަމުން އަންނަނީ ހީވެސް ނުކުރާހާ ގިނަ އަދަދެއްގެ ބައެކެވެ. ޖުލައި މަހުގެ ފެށިގެން ދުވާލެއްގެ މައްޗަށް އެގައުމުން ފައްސިވާ މީހުންގެ އަދަދު ވަނީ 10،000 އިން މައްޗަށް އަރާފައެވެ. އެއާއި އެކީ މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

މެލޭޝިއާގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމާއި އެކީ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ފުރި ފަރުވާ ނުދެވިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެގައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ނޫރު ހިޝާމް އަބްދުﷲ ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެގައުމުގެ އައިސީޔޫތަކުގެ 90 އިންސައްތަ ވަނީ ފުރިފައި ކަމަށެވެ. އަދި ތިން ސްޓޭޓެއްގެ އައިސީޔުތައް ފުރި ބަންޑުން ވަމުން އަންނަ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ތެރޭގައި ސަބާ، ކެއްޑާ އަދި ޕެރަކް ހިމެނެއެވެ.

އޭނާ ބުނި ގޮތުގައި މިވަގުތު 1،001 މީހަކަށް އައިސީޔޫތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާ ވަރަކަށް އައިސީޔޫއަށްލާން ޖެހޭ މީހުންގެ ނިސްބަތް ގިނަވެ، އެހެން ގައުމުތަކުން ހެދި ގޮތަށް ވަކި ބަޔަކަށް ފަރުވާ ދޭ ހިސާބަތް ވެސް އެގައުމުގެ ހާލަތު ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މެލޭޝިއާއިން މިހާތަނަށް 1,805,382 މީހަކު ކޮވޑަށް ފައްސިވެފައިވާއިރު، 17,521 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ހުރިހާ އިންސާނުން ވެސް ތާއަބަދު ހުށަހެޅިފައި ތިބެނީ މަރުގެ ތުންފަތް މަތީގައި އެވެ.
    ވެކްސިން އިޝްތިހާރުކޮށް ކޮވިޑޭ ކިޔައިގެން ސިއްޙީ ބިރުވެރިކަން އުފައްދަން ޖާހިލުން ދައްކާކަހަލަ ދެކޮޅުނުޖޭހޭ ވާހަކަދެއްކިޔަސް ތީ އެކަމަކު ބޮޑު!

    1
    1