އުތުރު ކޮރެޔާއިން ދުރުރާސްތާ ސްޓްރެޓީޖިކް ކްރޫޒް މިސައިލެއް ކާމިޔާބު ކަމާއެކު ޓެސްޓް ކޮށްފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ ނޫސް އެޖެންސީން ބުނެފައިވަނީ އުތުރު ކޮރެޔާއިން ޓެސްޓްކޮށްފައި ވަނީ 1،500 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ކުރޫސް މިސައިލެއް ކަމަށެވެ. މިސައިލް އުފެއްދުމަށް ދެ އަހަރުދުވަސް ހޭދަވި ކަމަށްވެސް އެ ނޫސް އެޖެންސީއިން ބުނެފައިވެއެވެ.

އުތުރު ކޮރެއާއިން މި މިސައިލް ޓެސްޓް ކުރީ އެގައުމުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާބެހޭ ވާހަކަތައް އަލުން ފެށޭނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އެމެރިކާ، ދެކުނު ކޮރެޔާއާއި އަދި ޖަޕާނުގެ މަންދޫބުންނާއެކު އުތުރުކޮރެއާގެ މަންދޫބުން ޖަޕާނުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.

އުތުރު ކޮރެޔާއިން އެންމެ ފަހުން މިސައިލެއް ޓެސްޓްކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އެފަހަރު ޓެސްޓުކުރީ މެދު ރާސްތާ ބެލިސްޓިކް މިސައިލެކެވެ. އޭގެ އިތުރުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރިޔާސީ ހުވައި ޖޯ ބައިޑެން ކުރެއްވުމުގެ މަދު ގަޑިއިރުތަކެއްގެ ކުރިންވެސް އުތުރު ކޮރެޔާއިންވަނީ މިސައިލެއް ޓެސްޓް ކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އުތުރުކޮރެއާއިން ޜެސްޓް ކޮށްފައި ވަނީ ނިއުކްލިޔާ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ކްރޫޒް މިސައިލެކެވެ.

ފުރުރާސްތާއަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ ކުރޫސް މިސައިލެއް އުތުރު ކޮރެޔާއިން ޓެސްޓް ކުރުމުން އަވަށްޓެރި ދެކުނު ކޮރެޔާއާއި ޖަޕާނުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އދ.އިން ވަނީ އުތުރު ކޮރެއާއަށް ބެލިސްޓިކް މިސައިލް ޓެސްޓުކުރުން މަނާކޮށްފައެވެ. ނަމަވެސް ބެލިސްޓިކް މިސައިލަށްވުރެ ލަހުން އެއަށްވުރެ ކުރު ރާސްތާއަށް ދަތުރުކުރާ ކުރޫޒް މިސައިލު ޓެސްޓުކުރުން އދގެ ފިޔަވަޅުތަކުގެ ދަށުން މަނާ ކޮށްފައިނުވެއެވެ.