އަލްޖީރިއާގެ ކުރީގެ ރައީސް އަބްދުލްއަޒީޒު ބޫތަފްލީގާ އަވަހާރަވެއްޖެއެވެ.

ބޫތަފްލީގާއަށް 2013ވަނަ އަހަރު ސްޓުރޯކެއް ޖެހިވަޑައިގަތަވެ. އެހިސާބުން ފެށިގެން އެމަނިކުފާނުގެ ހާލުކޮޅު ގޯސްވި ނަމަވެސް ވަނީ ކެންޕެއިންގެ އެއްވެސް ހަރަކާތެއް ދޫކޮށްނުލައި ހަރަކާތްތަކުގައި ފުރިހަަމައަށް ބައިވެރިވެވަޑައިގެން 2014 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިފައެވެ.

ބޫތަފްލިގާ އަވަހާރަވެފައިވަނީ އުމުރުފުޅުން 84 އަހަރުގައެވެ. ރިޕޯޓުތައް ބުނާގޮތުން އަވަހާރަ ވެފައިވަނީ ވަރަށް ގިނަ ދުވަސް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.

20 އަހަރުދުވަހު ވެރިކަންކުރެއްވުމަށްފަހު ބޫތަފްލީގާ އިސްތިއުފާ ދެއްވާފައި ވަނީ އެމަނިކުފާނާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް އަލްޖީރިއާގައި ކުރުމުންނެވެ. އިސްތިއުފާ ދެއްވުމަށް ފަހު ބޫތަފްލީގާ އެއްވެސް ވަރަކަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބޫތަފްލީއަކީ އަލްޖީރިއާގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރެއްވި ބޭފުޅާކަން ފާހަގަ ކޮށްލެވެއެވެ.

ބޫތަފްލިގާގެ ހަޔާތްފުޅުގެ ކުރީކޮޅުގައި ހިނގާފައިވާ ކަންތައްތައް އާންމު ކޮށްފައެއް ނުވެއެވެ. ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ބޫތަފްލީ އުފަންވެވަޑައިގެންފައި ވަނީ 1937 ވަނަ އަހަރު މަޣްރިބަށް ކަމަށެވެ. ފްރާންސުގެ އިސްތިއުމާރީ ވެރިކަމުން އަލްޖީރިއާ މިނިވަންކުރުމަށް 1956 ވަނަ އަހަރުގެ ތެރޭގައި ނޭޝަނަލް ލިބަރޭޝަން ފުރޮންޓާ ގުޅިވަޑައިގަތްކަން ތާރީހުގެ އަލީގައި އިނގެން އެބަހުއްޓެވެ. އޭރު އެބޭފުޅާގެ އުމުރުފުޅުން 19 އަހަރުކަން ފާހަގަކޮށް ލިއުންތައް ހުރި ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް އެނގޭކަށް ނެތެވެ.

ފްރާންސުގެ އިސްތިއުމާރީ ވެރިކަމުން އަލްޖީރިއާ މިނިވަންވުމުން ބޫތަފްލީގާ ވަނީ އޭރު އެކުލަވާލި ވަގުތީ ސަރުކާރުގެ ވަޒީރުގެ މަޖިލީހުގައި ހިދުމަތް ކުރައްވާފައެވެ. އޭރު އެބޭފުޅާގެ އުމުރުފުޅުން 15 އަހަރަށް ވުމުން އެބޭފުޅާ ފާހަގަ ވެފައިވަނީ އުމުރުން އެންމެ ހަގު ވަޒީރެއްގެ ގޮތުގައެވެ.