ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ހޯދައި ދޭން އަލްޖީރިއާ އިން މަސައްކަތް ކުރާނެ ކަމަށް އަލްޖީރިއާގެ ރައީސް އަބްދުލްމާޖިދު ތެބޯން ވިދާޅުވެއްޖެއެވެ.

މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން އެދެމުންދާ ސައްހަ އެދުން ބަލައިގަނެ، އަރަބި ދުނިޔޭގެ ސުލްހައަށް އަލްޖީރިއާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ތެބޯން ގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވެއެވެ.

އަލްޖީރިއާގެ ވެރިރަށް އަލްޖިއާސްގައި ކުރިއަށް ދާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކައުންސިލްތަކުގެ 17 ވަނަ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ ފަރާތުން މި މެސެޖު ވިދާޅުވެފައިވަނީ އަލްޖީރިއާގެ ގައުމީ އެސެމްބްލީގެ ރައީސް އިބްރާހީމް ބުގާލީއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ކުރިމަތި ވަމުންދާ ލާއިންސާނީ އަމަލުތަކާއި، އެމީހުންނާއި ދެކޮޅަށް ހުއްޓުމެއްނެތި ކުރަމުންދާ ކުށްތަކާއި ކުރިމަތިލުމަށް އެހީވުމުގެ ގޮތުން، ފަލސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ތަކެތީގެ އެހީތެރިކަމާއި، ސިޔާސީ އެހީތެރިކަން އިތުރު ކުރުމަށްވެސް ތެބޯން ވަނީ އޯއައިސީ އަށް ގޮވާލައްވާފައެެވެ.

ތެބޯން ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގައި އިސްރާއީލު މީހުން އާބާދު ކުރުން ފުޅާކުރުމާއި، އަލް އަޤުޞާ މިސްކިތުގެ ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ކުރާ މަސައްކަތްތައް ހިމެނޭހެން، އެގައުމުން ކުރަމުންދާ ގާނޫނާއި ހިލާފު ކަންތައްތަކުގެ ސަބަބުން ފަލަސްތީނަށް މި ފަދަ އެހީތެރިކަމެއް ވަރަށް މުހިންމު ކަމުގައެވެ.

އަލްޖީީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތީ ގޭގެ ރައީސް، ސަލާހް ގޯޖިލް ވިދާޅުވީ ފަލަސްތީނުގެ މައްސަލައާއި މެދު އަރަބި އަދި އިސްލާމީ ހުރިހާ ގައުމުތައް އޮތީ ކަންބޮޑުވެފައި ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ފަހަރަށް މި ކޮންފަރެންސް އަލްޖީރިއާގައި މި ބޭއްވެނީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. ސަލާހު ވިދާޅުވީ އަލްޖީރިއާގެ ރައްޔިތުން ފްރާންސުގެ އަޅުވެތިކަމުން މިނިވަންވީވެސް އެއްބައިވަންތަ ވެގެން ކަމަށާއި، ފަަލސްތީނުގެ ރައްޔިތުންވެސް އެއްބައިވަންތަ ކަމާއެކުގައި ތިބުމަށެވެ.

" ފަަލަސްތީނުގެ ރައްޔިތުންނަށް އަހަރެމެން އެދެނީ މިނިވަންކަން، އަދި ކާމިޔާބަށް ވާސިލް ވެވޭނީ އެއްބައިވަންތަ ވެގެން." ސަލާހް ވިދާޅުވިއެވެ.

އޯއައިސީގެ 17 ވަނަ ކޮންފަރެންސް މި ބޭއްވެނީ އިސްރާއީލާއި ފަލަސްތީނުގެ މަސްރަހު ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.