އަފްޣާނިސްތާނުގެ ޖަލާލް އާބާދް ސިޓީ ގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ހަމަލާ ދީފައި ވަނީ އެގައުމުގެ ރަައީސް އަޝްރަފް ޣަނީ ނަންގަހާރު ޕުރޮވިންސަށް ދިޔަ މަގުމަތީގަ ކަމަށެވެ.

ހަމަލާ އަމާޒުވި އިރު ރަައީސް އަޝްރަފް ޣަނީ އެސަރަހައްދުގައި ނެތްކަމަށް އަފްޣާނިސްތާނުގެ ފުލުހުން މައުލޫމާތު ދެެއެވެ.

19 މީހުން މަރުވި ޖާނުންފިދާވުމުގެ ހަމަލާ ގެ ޒިންމާ އިސްލާމިކް ސުޓޭޓް (އައިއެސް) ޖަމާތުންވަނީ އުފުލާފައެވެ.

ހަމަލާ އަމާޒުވުމުގެ ވަގުތު ތަކެއްކުރިން އަފްޣާނިސްތާނުގެ ރަައީސް އަޝްރަފް ޣަނީ ވަނީ ޖަލާލް އާބާދު ސިޓީ އަށް ވަޑައިގެން އެ ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އަފްޣާނިސްތާނުގެ ފުލުހުން މައުލޫމާތު ހާމަކުރި ގޮތުގައި ބޮމުގެ ހަމަލާގައި މަރުވި 19 މީހުންގެ ތެރެއިން 17 މީހުން ނިސްބަތްވަނީ ސިކުންނަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މިއަހަރު އޮކްޓޯބަރު މަހު އިންތިހާބުގައި ބައިވެރިވާނެކަން އިއުލާން ކުރައްވާފައިވާ އަވްތާ ސިން ކަލްސާވެސް އެ ހަމަލާގައި ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާ ކުށްވެރިކޮށް ކާބުލްގައި ހުރި އިންޑިޔަން ހައިކޮމިޝަނުންވެސް ވަނީ އެންމެ ހަރުކަށި އިބާރާތުން ހަމަލާ ކުށްވެރިކޮށް އެހަމަލާ އަކީ ފިނޑި އަމަލެއްގޮތައް ސިފަކޮށްފައެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ އަފްޣާނިސްތާނުގައި ބޮމުގެ ހަމަލާތައް ދިނުން އާއްމުވެފައި ވާއިރު އެކަން ހުއްޓުވުމަށް އަފްޣާނިސްތާނުގެ ސިފައިންވަނީ ނުކުޅެދިފައި ކަމަށް އެގައުމުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.