ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ބުނާ ސްވެޓްލާނާ ކްރިވޮންގިކްގެ މިލްކިއްޔާތުގައި 100 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށް އާދީއްތަ ދުވަހު ލީކް ކޮށްލި ޕެންޑޯރާ ޕޭޕާސްގައި ބުނެފިއެވެ.

ސްވެޓްލާނާ އާއި ޕޫޓިންގެ ދެމެދުގައި ގުޅުމެއް އޮންނަ ކަމަކަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޕޫޓިން އާއި ސްވެޓްލާނާގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދިފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އެގުޅުން ފުރަތަމަ ފެށުނީ 1994 ވަނަ އަހަރު ސްވެޓްލާނާގެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ޕޫޓިން ހުންނެވި ދުވަސްވަރު ކަމަށް ވެއެވެ. ސްވެޓްލާނާގެ ފަރާތުން ޕޫޓިން އަށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއީވެސް ރަސްމީކޮށް ކަށަވަރުވެފައިވާ މައުލޫމާތެއް ނޫނެވެ.

ދުނިޔޭގެ އެތައް ގައުމެއްގެ މިހާރުގެ ވެރިންނާއި ކުރީގެ ވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނާއި އަދި ބައެއް ބޭފުޅުންގެ އާއިލާތަކުގެ މާލީ ސިއްރުތައް ހާމަކުރި ޕެންޑޯރާ ޕޭޕާސްގައިގައި ބުނާ ގޮތުގައި ޕޫޓިންގެ ލޯބިވެރިޔާ ސްވެޓްލާނާގެ މިލްކިއްޔާތުގައި ފައިސާގެ އިތުރުން ޔޮޓަކާއި އެޕާޓްމަންޓްތައް ވެސް އެބަހުއްޓެވެ.

ލީކް ކޮށްލާފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި ސްވެޓްލާނާ ވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އޮފްޝޯ ކުންފުންޏެއް މެދުވެރިކޮށް މޮންޓެކާލޯ އިން އަގުބޮޑު އެޕާޓްމަންޓެއް ގަނެފައެވެ. އޭގެ އިތުރުން ޕީޓާސްބާގް އިން ވެސް އޭނާ ވަނީ އެޕާޓްމަންޓްތަކެއް ގަނެފައެވެ. އެޕާޓްމަންޓްތައް ގަންނަން ސްވެޓްލާނާ އަށް ފައިސާ ދީފައި ވަނީ ޕޫޓިން އާއި ގާތް ގުޅުމެއް އޮންނަ މަހުޖަނުން ކަމަށް ވެސް ލިޔުންތަކުގައި ބުނެފައި ވެއެވެ.

ސްވެޓްލާނާ އަށް އެންމެ ގިނަ ފައިސާ ދީފައި ވަނީ ޕޫޓިންގެ ގާތް އެކުވެރިއެއް ކަމަށްވާ ބިލިއަނަރު ޓިމްޗެންކޯ އަށް ލީކް ކޮށްލާފައިވާ ލިޔުންތައް ބުނެއެވެ. ލީކް ކޮށްލާފައިވާ ލިޔުންތަކުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ސްވެޓްލާނާގެ ނަމުގައި މުދާތަކާއި ފައިސާތައް ބަހައްޓާފައި ވަނީ ވެސް ޕޫޓިން އެވެ. ޕޫޓިން ވަނީ ސްވެޓްލާނާ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ފައިސާ އާއި މުދާ ރައްކާކޮށްފައި ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

ނަމަވެސް ޕޫޓިން ވަނީ ޕެންޑޯރާ ޕޭޕާސްގައި އޭނާ އާއި ގުޅުވައިގެން ދައްކާފައި ހުރި ހުރިހާ ވާހަކައެއް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާއްލަ

    މި ގައުމުގެ ސިޔާދަތު އިންޑިއާއަށް ވިއްކައިގެން އެޗްއެސްބީ ޔޫކޭގަ 500 މިލިޔަން ޑޮލަރ "ޑިމޮކްރަސީ ވަގު" އަތުގަ ހުރިކަމަށް އެބަ ބުނޭ. ތި ރިޕޯޓުން އެކަން ބަލައިދީ މި ކަލޭގެ ފަޅީހަތްކޮށްދީބަލަ ހެޔޮ ނުވާނެ! ހުޅަގުން ބޭނުންވާ ބަޔަކުތަ ފަލީހަތްކުރަންވީ؟؟/ އަބްދުﷲ ރަސްގެފާނު ފަލީހަތް އެކުރަނީ ހުޅަގުގެ ފިލަސްތީނު ޑިލްާ ދެކޮޅު ހަދާތީ. ޕުޓިން ބޭޒާރުކުރަ ސަބަބު ދެން އެގޭނުން؟؟؟!!!

    2
    1