ޖަޒީރާ އެއާވޭސް މައި މަރުކަޒަަށް ބޮމުގެ އިންޒާރެއް ލިބުމާއެކު، ދަތުރުކުރަމުންދިޔަ އެ އެއާލައިންގެ ބޯޓެއް ތުރުކީއަށް ޖައްސައިފިއެެވެ.

އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ ބޯޓު އެމަޖެންސީގައި ޖައްސާފައިވަނީ ތުރުކީގެ ޓްރެބްޒަން ސިޓީގެ އެއާޕޯޓަށް ކަމަށެވެ.

ޓްރެބްޒަންގެ އޮފިޝަލް އިސްމާއިލް އޮސްތަގްލޫ ވިދާޅުވީ ކުވައިތުން ދަތުރުކުރަމުންދިޔަ ޖަޒީރާ އެއާވޭސްގެ ފްލައިޓު ދަތުރުކުރަމުން ދިޔައީ 51 ފަސިންޖަރުންނާއި 6 ކްރޫއިންނާއި އެކުގައި ކަމަށެވެ. ރައްކާތެރިކަމާއެކު ބޯޓު ޖެއްސިފައިވާ ކަމަށާއި، ފަސިންޖަރުން ވެސް ސަލާމަތްކަމާއެކު ބޯޓުން ބާލައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުން ސަލާމަތީ ކަންކަން ކަށަވަރު ކުުުރުމުގެ ގޮތުން މިހާރު ފަސިންޖަރުންގެ ދަބަސްތަކާއި، ބޯޓުގެ އެތެރެ ބަލާ ފާސް ކުރަމުންނެވެ.

އޮސްތަގްލޫ ވިދާޅުވީ ބޮމުގެ ހަމަލާ ދޭނެކަމަށް ބުނެ އިންޒާރުގައި ވަކި ހާއްސަކޮށް އެމަޖެންސީގައި ޓްރެބްޒަން އަށް ޖެއްސި ފްލައިޓް ފާހަގަ ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، ބައިނަލްއަޤްވާމީ އޭވިއޭޝަން ރެގިއުލޭޝަން ގަވާއިދާއި އެއްގޮތަށް ބޯޓު ވަނީ ޖައްސާފައެވެ. އަދި ދަތުރު ކުރިޔަށް ގެންދާނީ ފަސިންޖަރުންގެ ލަގެޖުތައް ބަލައި ފާސް ކުރުމަށް ފަހުއެވެ.

ހަމަލާގެ އިންޒާރާއި ގުޅިގެން ޖަޒީރާ އެއާލައިންގެ ހުރިހާ ފްލައިޓްތަކަކުން ވެސް ސަލާމަތީ ކަންކަން ބެލުން ކުރިޔަށްވުރެ ހަރުކަށި ކޮށްފައިވެއެވެ.