ކުވޭތުން ހަތް މީހެއްގެ މައްޗަށް މިއަދު މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ މީޑިއާއިން ހާމަކޮށްފިއެވެ.

އެގައުމުން މަރުގެ ހުކުމް ތަންފީޒު ކޮށްފައި މިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި އަދަބު ލުއިކޮށްދިނުމަށް އެތައް ފަހަރަކު އެދިފައިވަނިކޮށެވެ. މިއީ އެގައުމުގައި 2017 ވަނަ އަހަރުގެ ފަހުން މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.

މިއަދު ދަންޖައްސައިގެން ހުކްމް ތަންފީޒުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކުވޭތުގެ 4 މީހުންނާއި، ޕާކިސްތާނުގެ މީހަކާއި، ސީރިއާގެ މީހަކާއި، އިތިއޯޕިއާގެ ރައްޔިތެކެވެ. މި ހަތް މީހުންގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނެއެވެ. މީގެ ތެރޭން ގިނަ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މީހުން މެރުމުގެ ކުށް ސާބިތުވެގެންނެވެ. އަދި މިމީހުންގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި އެހެނިހެން ކުށްތައްވެސް ހިމެނެއެވެ.

އެންމެ ފަހުން އެގައުމުގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެދުހުވަހުވެސް ވަނީ ހަތް މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ. އޭގެ ތެރޭގައި އެގައުމުގެ އަލް ސަބާހް ޝާހީ އާއިލާގެ މެމްބަރެއްވެސް ހިމެނެއެވެ. މި ޝާހީ އާއިލާއިން ކުވޭތުގައި ވެރިކަން ކުރާތާ ދެ ގަރުނާއި ބައިވެއްޖެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން އެމީހުން ދަން ޖެއްސުން ހުއްޓުވުމަށް އިއްޔެ ވަނީ ގޮވާލާފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ މިއީ ދިރިހުރުމުގެ ހައްގަށް އަރައިގަތުން ކަމަށާއި މިއީ އެންމެ އަނިޔާވެރި، ލާއިންސާނީ އަދަބުކަމަށެވެ. އަދި ކުވޭތުން މަރުގެ ހުކުމް ކުރުން އެއްކޮށް ހުއްޓާލަން ޖެހޭކަމަށްވެސް އެމްނެސްޓީން ވަނީ ބުނެފައެވެ.

ގަލްފް ސަރަހައްދުގެ އެތައް ގައުމެއްގައި މަރުގެ ހުކުމް ތަންފީޒުކުރެއެވެ. ހާއްސަކޮށް އީރާނާއި ސައޫދީގައެވެ. މިދިޔަ މާޗްމަހު ސައުދީގައި އެންމެ ދުވަހެއްގެ މަތިން 81 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ.

ކުވޭތުން މަރުގެ ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ 1960 ގެ އަހަރުތަކުގައެވެ. އޭގެފަހުން އެގައުމުން ވަނީ އެތައް ބައެއްގެ މައްޗަށް މަރުގެ ހުކުމް ކޮށްފައެވެ. ގިނައިން މަރުގެ ހުކުމް ތަންފީޒުކުރެވެނީ މީހުން މެރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ މީހުންގެ މައްޗަށެވެ.

2013 ވަނަ އަހަރު އޭޕްރިލް މަހުވެސް މީހުން މެރުމުގެ ކުށުގައި ކުވޭތުން ތިން މީހުން ދަން ޖައްސާފައިވާއިރު އޭގެ ދެ މަސްފަހުން އަނެއްކާވެސް މީހުން މެރުމާއި ވަގަށް ނެގުމުގެ ކުށުގައި މިސްރުގެ ދެ މީހެއްގެ މައްޗަށްވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ކޮން އެމްނެސްޓީއެއް. ޢަދުކުއިިންސާފު ޤާއިމްކުރުމަށް މަރުގެ ޙުކުމް ތަންފީޒުކުރުން ގޯސް. އެކަމަކު އެމީހުން ހިތްރުހޭ މީހުން ތަންތަނަށް ބޮންއަޅާ ޅަދަރިމައިން މަރާއިރުވެސް ހަމަ އޯކޭ. އެމްނެސްޓީ މަހަށް ދޭ

    14
  2. Anonymous

    ސާބަސް. އިންސާނީ ހައްޤުތައް އެނގޭނީ އެމްނެސްޓީ އިންޓަނޭޝަނަލް އަކަށް ނޫން. އިންސާނީ ޙައްޤުތަކަކީ ކޮބައިކަން ދެނެވޮޑިގަންނަވާނީ އިންސާނުން އުފެއްދެވި ފަރާތަށް. ޙުކުމްގެ ވެރިއަކީ އެއީ. އެކަލާނގެ ޙުކުމްފުޅު ތަންފީޒުކުރުމަކީ އަޅުތަކުންގެ މައްޗަށް އޮތް ޙައްޤެއް. ޝަރީޢަތް ވަނީ ބާވައިލައްވަވާ ނިންމަވާފައި.

    19
  3. ޞިއްދީޤް

    އެމީހުންނަށް ދިރި ހުރުމުގެ ޙައްޤު ލިބިދޭން ބުނާއިރު ކޮބައިތޯ އެމީ މަރާލާފައިވާ މީހުން(މަޤްތޫލުން) ގެ ޙައްޤު؟؟

  4. ބަކުރުބޭ

    ބަލަ މާތްވެގެންވާ އެމެރިކާގަވެސް ގިނަ ސްޓޭޓްތަކުގަ މަރުގެ ހުކުމް ތަންފީޒުކުރޭ. ޢޭތި އޯކޭ ދޯ.