ކުވައިތުގެ ރެސްޓޯރެންޓަކަށް ޒިޔާރަތްކުރި ބަޔަކު ކާން ތިއްބާ އެ ރެސްޓޯރެންޓުގެ ފުރާޅު ކުއްލިއަކަށް ވެއްޓިއްޖެއެވެ.

މިހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަކަށް އަނިޔާވެ ވަގުތުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

މި ރެސްޓޯރެންޓް ހުންނަނީ މި ގަލްފް ގައުމުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ޝޮޕިން ސެންޓަރު ކަމަށްވާ އެވިނިއުސް މޯލްގެ ތެރޭގައެވެ.

ހަލާކުވެފައިވާ މި ރެސްޓޯރެންޓުގެ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ވެއްޓިފައިވާ ފުރާޅު ބިންމަތީގެ އެކި ދިމަދިމާލުގައި ހުރި ތަނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާ ހިނގުމާއެކު ސެކިއުރިޓީ ސާވިސަސް އާއި ސިއްހީ ހިދުމަތްތެރިން ވަނީ އެ ސަރަހައްދަށް ގޮސް، މީހުންނަށް އެހީވުމުގެ މަސައްކަތް ފަށައިފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުވައިތަށް ބޯކޮށް ވާރޭވެހި ސްކޫލްތަކާއި ތައުލީމީ މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަނަލް ފެސިލިޓީސް އެންޑް ޕްލޭނިން ސެކްޓަރުގެ އިންޖިނިއަރިން އެފެއާޒް ޑިޕާޓްމަންޓްތަކުން ބުނާގޮތުގައި، މިހާލަތާއި ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް އެ މުވައްސަސާތަކުން ތިބީ ތައްޔާރަށެެވެ.

އެގޮތުން ކްލާސްތައް ފެށުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އިންޖިނިއަރިން ޓީމުތަކުން ސްކޫލްތަކުގެ ހާލަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ދޭނެ ކަމަށް ބުނެފައި ވެއެވެ.