ކަޝްމީރަށް ހާއްސަކޮށްގެން ޓެކްސީ ކާރުގެ ހިދުމަތް ފަށައިފިއެވެ.

އިންޑިއާ އާއި ޕާކިސްތާންގެ ބޯޑަރު ސަރަހައްދުގައި އޮންނަ ކަޝްމީރަކީ ސަލާމަތީ ފިޔަވަޅު ވަރަށް ބޮޑަށް އަޅާފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ރޭގަނޑުގެ ވަގުތުގައި ހިނގާ ބިނގާވެ އުޅުން ރައްކާތެރިނުވާއިރު އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން އެހާމެ އުނދަގުލެވެ. މިކަމަށް ހައްލެއް ހޯދުމަށް ޒުވާނަކު މިވަނީ ކަޝްމީރަށް ހާއްސަކޮށްގެން ޓެކްސީ ކާރު ދަތުރުކޮށްދިނުމަށް ކުންފުންޏެއް ހަދައިފައެވެ.

ސިރިނާގަރް އަވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށްވާ އަބްދުލް މާޖިދް ޒަރްގަރް އުފެއްދި ޓެކްސީ ހިދުމަތް ދޭ ކުންފުންޏަށް ދީފައިވާ ނަމަކީ "ނޯވޯ ކެބްސް" އެވެ.

މި އަވަށަށް ހާއްސަކޮށްގެން ހެދި ކުންފުނިން ޓެކްސީ ދަތުރުގެ ހިދުމަތް ފަސޭހަކަމާއެކު އެތައް ބަޔަކު މިހާރު ދަނީ ހޯދަމުންނެވެ. މީގެ ކުރީގައި އިރުއޮއްސެމުން ގެއަށް ވަންނަން މަޖުބޫރުވި ފަރާތްތަކުން މިހާރު ބޭރަށް ނުކުމެ ކޮންމެ ގަޑިއެއްގައިވެސް މި ހިދުމަތުގެ އެހީގައި ދަތުރުކުރުކޮށް ހަދައެވެ.

އިންޑިއާގައި ޓެކްސީ ކާރުގެ ހިދުމަތްދޭ ކުންފުނިތައް ހުރިކަމުގައިވިޔަސް އެ ކުންފުނިތަކުގައި ވެސް ކަޝްމީރް ސަރަހައްދުގައި ދަތުރުކުރުމަށް ބައެއް ފަހަރު ފަސް ޖެހޭތަން އާދެއެވެ. އެހެންވެ އަލަށް އުފެއްދި ކުންފުނީގެ ސަބަބުން ކުރީގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެއެވެ.

2019 ވަނަ އަހަރުން ފަށައިގެން މި ޓެކްސީ ދަތުރުކުރުމުގެ ހިދުމަތް ފަށަން މަސައްކަތް ކުރިކަމަށް އަބްދުލް މާޖިދް ޒަރްގަރް ބުނެއެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މި ހިދުމަށް ދިނުން ފަސްކުރަން މަޖުބޫރިވިކަން އޭނާ ފާހަގަ ކުރިއެވެ.

ނޯވޯ ކެބްސްގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުގައެވެ. އަމިއްލަ ކާރުތައް ނުގަނެ މި ކުންފުނިން ހިދުމަށް ދޭން ފެށީ ކާރު ދުއްވާ ފަރާތްތަކާއި ގުޅިގެންނެވެ. އޮންލައިންކޮށް ނޯވޯ ކެބްސްގެ އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީގެ ހިދުމަތަށް އެދެވޭނެ ކަމަށް ކުންފުނިން ބުނެއެވެ.