ކުވެއިތުގެ އަސްކަރިއްޔާގެ އެކި ރޭންކުތަކުގައި އަންހެނުން މަސައްކަތް ކުރުމުގެ ޖާގަ ދީފިއެވެ.

ކުވެއިތުގެ އަސްކަރިއްޔާގެ އެކި މަގާމުތަކުގައި ހަރަކާތްތެރިވުމުގެ ހުއްދަ އެ ގައުމުގެ އަންހެނުންނަށް ދީފައިވާ އިރު މީގެ ކުރިން އަންހެނުންނަށް ހަމައެކަނި އަސްކަރިއްޔާގައި މަސައްކަތް ކުރެވޭނީ ހަނގުރާމަ ކުރުން ފިޔަވައި ދެން ހުރި ހުރިހާ ދާއިރާތަކުގައެވެ.

އެގައުމުގެ ޑިފެންސް މިނިސްޓަރު ހަމާދް ޖާބިރް އަލް-އަލީ-އަލް ސަބާހް ވިދާޅުވީ އަސްކަރިއްޔާގެ އޮފިސަރު ރޭންކުން ފެށިގެން އިތުރު އެހެން ރޭންކުތަކުގައި އަންހެނުންނަށް މިހާރު ތިބެވޭނޭ ކަމަށެވެ.

އަންހެނުންގެ ހިތްވަރާއި ކަންކަން ރޭވުމުގައި ކުރާ މަސައްކަތަށް ތައުރީފު ކޮށްފައިވާއިރު އަސްކަރިއްޔާގައި ތިބި އެހެން ފަރާތްތަކާއި އެއް ހަމައަކުން މިހާ އޮތީ މަސައްކަތް ކުރެވޭނެ މަގު ހުޅުވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2005 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުވެއިތުގައި އަންހެނުންނަށް ވޯޓުލުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި ވަޒީރު ކަމަށާއި ގާނޫނު ހަދާ މަޖިލީހަށް ވެސް ކުރިމަތިލުމުގެ ހުއްދަ އެގައުމުގެ އަންހެނުންނަށް ވަނީ ދީފައެވެ.

ގަލްފުގެ އެހެނިހެން ގައުމުތަކާއި ހިލާފަށް ކުވެއިތުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ކަންކަން ބާރުގަދަވެ އެއަށް އިތުރު ބަހެއް ބުނެވޭ އިތުރު ފަރާތެއް ނޯވެއެވެ. އަދި އެތައް މެމްބަރުންގެ އިއްތިފާގުން ފާސްކުރާ ގާނޫނަކަށް ތާއީދު ކުރުން ދައުލަތަށާއި ޝާހީ ފަރާތްތަކަށް ވެސް މަޖުބޫރު ވެއެވެ.

އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް މެދުއިރުމަތީގެ ގައުމުތަކުންނާއި ހުޅަނގުގެ ގައުމުތަކުންވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާއިރު ފާއިތުވި އަހަރުތަކުގައި އެކަންކަމަށް ބޮޑު ކާމިޔާބީއެއް ވެސް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.