ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ލިބިފައިވާ އިންޑޮނޭޝިއާގެ ބާލީ ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ބޯޑަރުތައް ބަންދުކޮށްފައިވާތާ 18 މަސް ދުވަސް ފަހުން ބާލީ ހުޅުވާލައިފައިވަނީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް، އެ ރަށަށް އިންޓަނޭޝަލް ފްލައިޓްތައް ނުޖައްސާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާލީ އަކީ ފަތުރުވެރިކަމަށް ނަން މަޝްހޫރު ރަށެކެވެ. ނަމަވެސް، ކޮވިޑާއި ގުޅިގެން ގިނަ ރެސްޓޯރެންޓްތަކާއި ފިހާރަތައް ހިމެނޭހެން ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ. ފަތުރުވެރިންނަށް އެރަށް ހުޅުވާލާ، އިންޓަނޭޝަނަލް ފްލައިޓްތަކަށް މަރުހަބާ ކިޔުމަށް އެރަށުގެ އެއާޕޯޓުން އަންނަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް، އަވަށް މުސްތަގްބަލެއްގައި އެކަން ވާން ނެތްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"އިންޓަނޭޝަނަލް ފްލައިޓްތައް އަދި ޝެޑިއުލް ކުރެވިފައެއް ނެތް. ބާލީ އަށް ޒިޔާރާތް ކުރަން ބޭނުންވާ ފަރާތްތަކުން ދަތުރު ކުރައްވާނީ ޖަކާޓާ މެދުވެރިކޮށް" އެއާޕޯޓުގެ އޮފިޝަލަކު ބުނެފައިވެއެވެ.

އިންޑޮނޭޝިއާއިން ވަނީ އެގައުމަށް ދަތުރުކުރެވޭނެ 19 ގައުމެއް ބުދަ ދުވަހު އިއުލާން ކޮށްފައެވެ. އެގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން، އުތުރު ކޮރެއާ، ނިއުޒިލެންޑް އަދި ޔޫރަޕާއި މެދު އިރުމަތީގެ ބައެއް ގައުމުތައް ހިމެނެއެވެ.

ބާލީ ހުޅުވާލި ނަމަވެސް، އަދި މިހާތަނަށް ފަތުރުވެރިންގެ މާ ބޮޑު ޑިމާންޑެއް ނެތެވެ. ބާލީގެ ޓުއަރިޒަމް އެޖެންސީއަކުން ބުނެފައިވަނީ ހޮޓެލް ރިޒަވޭޝަންތައް އަދި ވަރަށް މަދު ކަމަށެވެ. ބާލީގެ އިގްތިސާދުގެ 54 އިންސައްތަ ބަރޯސާ ވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތައަށެވެ.

ބާލީ ހުޅުވާލި ނަމަވެސް ޒިޔާރާތް ކުރެވޭނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށެވެ. އިންޑޮނޭޝިއާއިން ބުނީ އެގައުމަށް ޒިޔާރާތްކުރާ ފަރާތްތަކުން 5 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ.