އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޑޭވިޑް އެމްސްއަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ކޮންޒަވޭޓިވްސް ޕާޓީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނޭ އެމްސް އަވަހާރަކޮށްލަން ދިން ހަމަލާއަކީ ނިރުބަވެރި ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ހަމަލާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ހަމަލާ ދިން މީހާ ވަނީ ހަމަލާދިން ވަގުތު ހައްޔަރު ކޮށްފައެވެ.

އިނގިރޭސިވިލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި އެމްސްގެ މަރާއި ގުޅިގެން ދެވަނަ އަށް ހައްޔަރު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ނަމަވެސް އެއީ ސޯމާލިއާ ދަރިފަސްކޮޅުގެ މީހެއް ކަމަށް މީޑިއާތަކުން ބުނެއެވެ. ހައްޔަރު ކުރި މީހަކީ 25 އަހަރުގެ ފިރިހެނެކެވެ.

މެޓްރޯޕޮލިޓަން ފުލުހުން ވަނީ އެމްސް އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ލަންޑަންގެ ތިން ގެއެއް ބަލައި ފާސްކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ތަނަކުން މައްސަލައާއި ގުޅުންހުރި އެއްޗެއް ފެނުނުކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހުކުރު ދުވަހު އެމްސް އަށް ހަމަލާ ދީފައި ވަނީ އެސެކްސްގައި އޮތް ކެމްޕޭން ބައްދަލުވުމެއްގެ ތެރެއިންނެވެ. ވަޅިން ދިން ހަމަލާ އާއި ގުޅިގެން އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ހަމަލާ ދިން މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

38 އަހަރު ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަމްސް އަކީ ހިޔާލު ތަފާތުވުންތައް ބޮޑު މައްސަލަތަކުގައި އާއްމު ގޮތެއްގައި ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫނެވެ. އެއްވެސް ދުވަސްވަރެއްގައި އޭނާ ވަޒީރުކަން ވެސް ކުރައްވާފައެއް ނުވެއެވެ. އަމްސް ފަދަ ބޭފުޅަކަށް މިފަދަ ހަމަލާއެއް އަމާޒުވުމުން ވަރަށް ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިގެން ގޮސްފައެވެ.