ސޫދާންގައި ބަޣާވާތް ކުރި ސިފައިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ސޫދާން ސިފައިން ރޭ ފަތިހުން ފެށިގެން އެ ގައުމުގެ ވެރިރަށުގެ ކޮންޓްރޯލް ނަގާފައެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް މިހާރު ހުންނެވީ ގޭގައި ހައްޔަރުކޮށްފައެވެ.

ސޫދާންގެ އިންފޮމޭޝަން މިނިސްޓްރީން ވިދާޅުވީ، ސިފައިން ބޮޑު ވަޒީރު ހައްޔަރުކުރީ ބަގާވާތަށް ތާއިދު ނުކުރެއްވުމުން ކަމަށެވެ.

އަދި ބޮޑުވަޒީރު ހައްޔަރުކޮށްފައި ހުރި ތަނެެއްް ނޭނގޭކަމަށްވެސް އިންފޮމޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެ ގައުމުގެ ސިފައިން ނުކުމެ ވަނީ އެ ގައުމުގެ ބައެއް ވަޒީރުންނާއި ބައެއް ގަވަރުނަރުންނާއި ސަރުކަރުގެ މީޑިއާ ތަރުޖަމާނުން ހައްޔަރުކޮށްފައެވެ.

ބަޣާވާތުގެ އިސް ލީޑަރު އަބްދުލް ފައްތާހް އަލް-ބުރުހާން މިހާރު ވަނީ އެ ގައުމުގެ ވެރިކަން ކުރަމުން އައި ކައުންސިލް އުވާލާފައެވެ.

މި ކައުންސިލަކީ ސޫދާންގައި ދިގު މުއްދަތަކަށް އޮތް ވެރިިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު، ސިފައިންނާއި އާއްމުން އެއްވަރަކަށް ބާރުތައް ހިއްސާ ކުރާ ގޮތަށް އުފައްދާފައި އޮތް ކައުންސިލެކެވެ.

މި ކައުންސިލުން ގައުމު ހިންގަން އޮތީ 2023 ވަނަ އަހަރު އިންތިހާބު ބޭއްްވުމާއި ހަމައަށެވެ.

މިދިޔަ މަހުވެސް ސޫދާންގައި ބައެއް ސިފައިން ނުކުމެ ބަޣާވާތް ކުރަން މަސައްކަތް ކޮށްފައި ވެއެވެ. ނަަމަވެސް މިދިޔަ މަހުުގެ ބަޣާވާތް ވަނީ ނާކާމިޔާބު ވެފައެވެ.