ސޫދާންގެ އަސްކަރިއްޔާއިން އެ ގައުމުގައި ކުރަމުންދާ ބަޣާވާތުގެ ތެރެއިން މިހާތަނަށް ހަތް މީހުން މަރާލައި 140 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސޫދާން އަސްކަރިއްޔާގެ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން ވަނީ ހޯމަ ދުވަހު އަސްކަރިއްޔާގެ ސިވިލިއަން ސޮވެރިން ކައުންސިލް އުވާލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. އޭނާ ވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު އިންތިހާބު ބާއްވައި، އިންތިހާބީ ސަރުކާރަކާއި ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

"މިހާރު ގައުމު ހިނގަމުންމިދާ ގޮތަކީ ޒުވާނުންގެ ހުވަފެންތަކަށާއި ގައުމުގެ އުންމީދުތަކަށް ހަގީގީ ނުރައްކަލަކަށް ވެެގެންދާނެ ކަމެއް" ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމަށް ފަހު އުފެއްދި ސޮވެރިން ކައުންސިލާ ބެހޭ ގޮތުން އޭނާ ވިދާޅުވިއެވެ.

ސޫދާނުގެ ޚާރިޖީ ވަޒީރު މަރިއަމް އަލް ސާދިގު އަލް މަހްދީ ސްކައި ނޫހުގެ އެފްރިކާ ކަރެސްޕޮންޑެންޓް ޖޯން ސްޕާކްސްއަށް ވިދާޅުވީ ޖެނެރަލް ބުރުހާން ކުރެއްވި ކަންތައްތަކާ މެދު އޭނާއަށް ޚިޔާނާތްތެރިވިކަމުގެ އިހްސާސް ކުރެއްވުނު ކަމަށެވެ.

"މިއީ މުޅިން ވެސް ޚިޔާނާތްތެރިވުން، މިދިޔަ އަންގާރަ ދުވަހު އަޅުގަނޑުމެން އެމަނިކުފާނާ ބައްދަލުކުރިން، ބަޣާވާތެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް ގާނޫނު އަސާސީގެ ލިޔުމަށް ފުރިހަމައަށް އިޝާރާތް ކުރައްވައި އިއުތިރާފުވެވަޑައިގެން."

މީގެ އިތުރުން މަރިއަމް އަލް ސާދިގު ވިދާޅުވީ އަންގާރަ ދުވަހު ބުރްހާން ދެއްވި ބަހަށް ބުރޫއަރައިފި ކަމަށެވެ

ބަޣާވާތާ ގުޅިގެން ވެރިރަށް ޚަރްތޫމް އާއި އެ ގައުމުގެ ޓްވިން ސިޓީ އެއް ކަމަށްވާ އޮމްދުރްމަންގެ މަގުތަކަށް އެތައް ހާސް ބަޔަކު ވަނީ ނުކުމެ މުޒާހަރާކޮށްފައެވެ. އަދި ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަދުވެގެން ހަތް މީހުން މަރާލުމާ ގުޅިގެން މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކުގައި ބެރިކޭޑްތައް ބަހައްޓައި ޓަޔަރުތަކުގައި ރޯކޮށްލާފައެވެ.