ހުޅަނގު އޮސްޓްރޭލިއާގެ އިރުމަތީ ޕިލްބަރާ ސަރަހައްދަށް 5.3 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުން އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ރާއްޖެ ގަޑިން 18:05 ގައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާގޮތުން ބިންހެލުން އައިސްފައިވަނީ މާރބްލް ބާރ ނަމަކަށް ކިޔާ ޓައުނާ ގާތްގަނޑަކަށް 15 މޭލު ދުރުންނެވެ.

ޖިއޯސައިންސް އޮސްޓްރޭލިއާ (ޖިއޯއާއު) އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 6.2 މޭލު އަޑިންނެވެ.

ބިންހެލުމުގެ ސަބަބުން އިމާރާތްތައް ގުޑައިގެންދިޔަ ކަމުގެ އިހުސާސް ކުރެވުނު ކަމަށް ބުނެ ކަންބޮޑުވެފައި ތިބި އެތައް ރައްޔިތަކު ޔޫއެސްޖީއެސްގައި ރިޕޯޓު ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބިންހެލުމާއި ގުޅިގެން އެގައުމުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. އަދި ބިންހެލުން 30 ސިކުންތަށް ދެމިގެން ގޮސްފައިވާ ކަމަށް އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މާރބްލް ބާރ އަކީ ހުޅަނގު އުތުރު އޮސްޓްރޭލިއާގެ ޕިލްބަރާ ސަރަޙައްދުގައި އޮންނަ ހިލަ ގިނަ ސަރަހައްދެކެވެ. މި ސަރަހައްދު މަޝްހޫޫރުވެފައިވަނީ ހޫނުގަދަ އަވަށެއްގެ ގޮތުގައެވެ.

އޮސްޓްރޭލިއާގެ މީޓިއޮރޮލޮޖީ ބިއުރޯއިން ވަނީ ބިންހެލުމުގެ ސަބަބުން ސުނާމީގެ ބިރުވެރިކަން ކުރިމަތިވެފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.