އޮސްޓްރިއާގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެގައުމު އެއްކޮށް ފުރަބަންދުކޮށް ވެކްސިން ޖެހުނު މަޖުބޫރު ކޮށްފިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އެގައުމު އެއްކޮށް ފުރަބަންދު ކުރުމަށް ނިންމާފައިވާއިރު، ޗާންސެލަރ އެލެކްސެންޑްރާ ޝަލެންބާގް ވިދާޅުވެފައި ވަނި އެގައުމު ފުރަބަންދު ކުރުމަށް ނިންމާފައިވަނީ އެންމެ ގިނަ ވެގެން 20 ދުވަހުގެ މުއްދަތަކަށް ކަމަށާއި ވެކްސިން ޖެހުން އަންނަ އަހަރު ފެބްރުއަރީ އެކަކުން ފަށައިގެން މަޖުބޫރު ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ފަސް ވަނަ ކޮވިޑް ރާޅެއް އަންނާކަށް ބޭނުމެއް ނޫން" ގަވަނަރުންނާއި އެއްކޮށް ބޭއްވި ބައްދަލުވުމެއްގައި ޗާންސެލަރު ވިދާޅުވިއެވެ.

ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އޮސްޓްރިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އޮސްޓްރިއާގެ އިތުރުން އެހެން ގައުމުތަކުން ވެސް އަންނަނީ ކޮވިޑްގެ އިތުރު ރާޅެއް އަރާފާނެ ބިރު އޮތް ކަމަށް ބަލައި ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ.

އޮސްޓްރިއާގެ ކޮވިޑް ހާލަތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެގައުމުން އިތުރު 15,809 މީހަކު މިވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އިތުރު 48 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެގައުމުން މިހާތަނަށް 1,027,274 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، 11,951 މީހަކު ވަނީ ބަލި ޖެހިގެން ރަނގަޅުވެފައެވެ. އަދި މި ބަލިން 876,482 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު މި ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 138,841 މީހަކަށެވެ. އޭގެ ތެރެއިން 520 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެންނެވެ.