ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ :"އޮމިކްރޮން" ސްކޮޓްލޭންޑުން ވެސް ފެނިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސްކޮޓްލޭންޑުގެ ސަރުކާރުން ބުނެފައިވަނީ "އޮމިކްރޮން" ވޭރިއެންޓަށް އެގައުމުގެ ހަ މީހަކު ފައްސިވެފައިވާ ކަމަށާއި މި ވޭރިއެންޓަށް އެމީހުން ފައްސިވުމާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެކަން ބަލަމުން އަންނަ ކަމަށެވެ.

"ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުން އެމީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން" އެގައުމުގެ ހެލްތް ސެކްރެޓަރީ ހަމްޒާ ޔޫސުފް ބުނެފައިވެއެވެ.

އެގައުމަށް އޮމިކްރޮން ވޭރިއެންޓް އައީ ކިހިނެތްތޯ އަދި އެނގިފައެއް ނުވެއެވެ. އެހެން ކަމުން ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އެގައުމަށް އެ ވޭރިއެންޓް ފެތުރެން ފަށާފައިވަނީ ކިހިނެތްތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓަކީ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ދެކުނު އެފްރިކާ ސަރަހައްދުގެ މީހުން އެ ގައުމުތަކަށް އައުން މަނާ ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެގައުމު ތަކުގެ ބޯޑަރު ވެސް ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    ރާއްޖެއިން ސްކޮޓްލެންޑަށް ދިޔަ އެންމެން ޓެސްޓު ކުރޭ.ރައީސް މަޖުލިސް ރައީސް މިމީހުންނާއިއެކު ދިޔަހާ އެންމެން ވަގުތުން ޓެސްޓްކުރޭ

    2
    2