ޗައިނާއިން އެފްރިކާއަށް ކޮވިޑް ވެކްސިންގެ އެއް ބިލިއަން ޑޯޒު ފޯރުކޮށްދޭނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިންއާ ހާމަކޮށްފިއެވެ.

ޗައިނާގެ ރައީސް މިފަދައިން ހާމަ ކޮށްފައިވަނީ ޗައިނާ އެފްރިކާ ސަމިޓާއި ގުޅޭ ގޮތުން ސެނެގަލްގައި ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ.

އެގޮތުން ޒީ ބުނެފައިވަނީ އެގައުމުން އެފްރިކާއަށް ވެކްސިންގެ 600 މިލިއަން ޑޯޒު ފޯރުކޮށްދޭނެ ކަމަށާއި ބާކީ 400 މިލިއަން ޑޯޒު އިތުރު ބަޔަކާއި ގުޅިގެން ފޯރުކޮށްދޭނެ ކަމަށެވެ.

ޗައިނާއިން އެފްރިކާއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭން ނިންމާފައިވަނީ ކޮވިޑްގެ ނުރައްކާތެރި ވައްތަރެއް ކަމަށް "އޮމިކްރޮން" ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ގައުމަކީ ދެކުނު އެފްރިކާ ކަމަށްވާތީ އެގައުމަށް އެބަލީގެ ނުރައްކާ ބޮޑުވެދާނެތީއެވެ.

ޗައިނާއިން އެފްރިކާއަށް ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާއިރު، ދެކުނު އެފްރިކާގެ ތަޖުރިބާކާރުން ބުނެފައިވަނީ ވެކްސިން ބޭނުން ކޮށްގެން އޮމިކްރޮން ވޭރިއެންޓުން ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި އެ ވޭރިއެންޓަކީ އެހާ ނުރައްކާތެރި އެއްޗެއް ނޫން ކަމަށާއި ބަލި ޖެހޭ މީހުންގެ ހާލު ދެރަވެގެން އެނދުމަތި ކުރާ ހިސާބަތް އަދި ނުދާ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ އެއީ ބިރުގަންނަން ޖެހޭ ވަރުގެ ވޭރިއެންޓެއް ކަމަށާއި ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ސިއްހަތު ޖަމްއިއްޔާއިން އެފަދައިން ބުނުމާއި ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ އެގައުމު ތަކުގެ ބޯޑަރު ބަންދުކޮށް، ދެކުނު އެފްރިކާ ސަރަހައްދުގެ ގައުމުތަކުން މީހުން އައުން މަނާ ކޮށްފައެވެ.