ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ތުރުކީ ސަރުކާރުގެ 18،500 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ކުއްލިގޮތަކަށް މިހާގިނަ މުއަޒަފުން އެއްފަހަރާ ވަޒީފާއިން ވަކިކުރީ ތުރުކީގެ ރިޔާސީ އިންތިހާބު، ރައީސް ކަމުގައި މިހާރު ވެސް ހުންނެވި ތައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވާފައި ވަނިކޮށެވެ.

2016 ވަނަ އަހަރު ގެންނަން އުޅުނު އަސްކަރީ ބަގާވާތާއި ގުޅިގެން ތުރުކީގެ ސަރުކާރުގައި މަސައްކަތް ކުރާ 18،632 މީހުން ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. މި އެންމެންގެ މައްޗަށް ވަނީ ނިރުބަވެރިކަމުގެ ދައުވާކޮށްފައެވެ.

ވަކި ކުރި މީހުންގެ ތެރޭގައި އެގައުމުގެ 3،077 ސިފައިންނާއި އެއާފޯސްގެ 1،949 މީހުން ހިމެނެއެވެ. އަދި 8،998 މީހުންނަކީ ފުލުސް އޮފިސަރުންނެވެ. ހަމަ އެގޮތުން ނޭވަލް އޮފިސަރުންގެ ތެރެއިން 1،126 މީހަކު ވެސް ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

ސަރުކާރުން ވަކި ކުރި މުވައްޒަފުންގެ ތެރޭގައި 1،052 ސިވިލް ސާވިސް މުވައްޒަފުންނާއި އަދި ތިން ނޫސްވެރިކަން ކުރާ އެޖެންސީ އަކާއި ޓިވީ ޗެނަލަކާއި 12 ޖަމިއްޔާ ބަންދުކޮށްފައިވެއެވެ.

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅުނު އަސްކަރީ ބަގާވާތް ނާކާމިޔާބުވެ، ތުރުކީގައި ކުއްލި ހާލަތު އިއުލާންކުރި އިރު ވަނީ ބައިލައްކަ އަށް ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅައިފައެވެ. މީގެ އިތުރުން 600 ސްކޫލް ވަނީ ބަންދުކޮށްފައެވެ.

ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާން ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ އަނބުރާ ތުރުކީ އަށް ފޮނުވައިދިނުމަށް ވަނީ އެމެރިކާގައި އެދިފައެވެ.

ބަޣާވާތާއި ގުޅިގެން ތުރުކީ ސިފައިންގެ އިސް 99 އޮފިސަރުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ.