ކޮވިޑް-19ގެ އާ ވޭރިއެންޓެއް ކަމަށްވާ "އޮމިކްރޮން" ފެތުރެމުން އަންނާތީ ޕޯޗުގަލްގައި "ސްޓޭޓް އޮފް ކަލަމިޓީ" ނުވަތަ "ކާރިސާގެ ހާލަތު" އިއުލާނު ކޮށްފިއެވެ.

ޕޯޗުގަލްގައި ކާރިސާގެ ހާލަތު އިއުލާނު ކޮށްފައިވަނީ އެގައުމުން އޮމިކްރޮން ވޭރިއެންޓަށް ދެ މީހަކު ފައްސިވުމާއި ގުޅިގެން ބަލި ހަލުވި ކަމާއި އެކީ އެގައުމުގެ ފެތުރިދާނެ ކަމުގެ ބިރު އޮތުމާއި ގުޅިގެންނެވެ.

ޕޯޗުގަލްގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މިހާތަނަށް 13 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑްގެ އާ ވައްތަރަށް ފައްސިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފުޓްބޯޅަ ކްލަބެއްގެ ކުޅުންތެރިން ކަމަށް ވެސް ވަނީ ބުނެފައެވެ.

އޮމިކްރޮން ވޭރިއެންޓް އެގައުމުގައި ފެތުރެމުން އަންނާތީ އެގައުމުގެ ސަރުކާރުން ކާރިސާގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، މިއީ މިއަހަރު ތެރޭގައި އެގައުމުގައި ކާރިސާގެ ހާލަތު އިއުލާނު ކުރި ދެވަނަ ފަހަރެވެ.

ކާރިސާގެ ހާލަތު އިއުލާނު ކުރުމާއި އެކީ އެގައުމު އޮންނާނީ އެންމެ މަތީ އެލާޓުގައެވެ. އެގޮތުން ވައިގެ ދަތުރުތަކާއި ކަނޑުދަތުރު ކުރާ ފަރާތްތަކަށް ހާއްސަ އުސޫލުތަކެއް އޮންނާނެއެވެ. އެފަދަ ގޮތަކަށް އެގައުމަށް އެތެރެވާނަމަ، ނައްސި ޕީސީއާރު ޓެސްޓު މަޖުބޫރުވާނެއެވެ.

މީގެ އިތުރުން ފޭސް މާސްކު އަޅައި ގައިދުރުކަން ބަހައްޓައި ރެސްޓޯރެންޓްތަކާއި ސިނެމާތަކާއި ޖިމްތަކަށް ދާ ފަރާތްތަކުން ވެސް ނައްސި ޕީސީއާރު ޓެސްޓާއި ވެކްސިން ޖަހާފައިވޭތޯ ބަލަން ޖެހޭނެއެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑްގެ އާ ވައްތަރު ކަމަށްވާ "އޮމިކްރޮން" ވޭރިއެންޓާއި ގުޅިގެން ބައެއް ގައުމުތަކުން އެގައުމުތަކުގެ ބޯޑަރު ބަންދު ކުރަމުން އަންނައިރު، 25 އަށްވުރެ ގިނަ ގައުމުން ވަނީ ދެކުނު އެފްރިކާގެ ސަރަހައްދުތަކުން އެގައުމުތަކަށް މީހުން އައުން މަނާކޮށް، ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.