ޕާކިސްތާނުގައި ހުންނަ ސްރީލަންކާގެ ފެކްޓްރީ މެނޭޖަރެއްގެ ގަޔަށް ބަޑިޖެހުމަށްފަހު އަންދާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ވެރިރަށް އިސްލާމްއާބާދުގެ އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ސިއާލްކޮޓްގައެވެ.

ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރުން ފަދަ މައްސަލަތައް މަދުނަމަވެސް އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ކުޑަވެސް އިޝާރާތެއް ކޮށްފިނަމަ އެގައުމުގައި މުޒާހަރާތައްކޮށް އެފަދަ ކަމެއް ކުރި ބަޔަކު ނުވަތަ މީހަކަށް ބޮޑެތި އަނިޔާތައް ކުރެއެވެ. އަދި ބައެއް ފަހަރުތަކުގައި އެ ކަމެއްގެ ކުޑަބޮޑުމިންވަރަށް ބަލާ މަރާލާ ހާލަތްތައްވެސް އާދެއެވެ.

ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ މިއީ "ޕާކިސްތާނަށް ވަރަށް ނިކަމެތި ދުވަހެއް" ކަމަށާއި ތަހްގީގު ގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާނެ ކަމަށެވެ.

"މިކަމުގައި އެއްވެސް މައްސަލައެއް އޮވެގެން ނުވާނެ، މިކަމުގައި ޒިންމާވާ ހުރިހާ ފަރާތްތަކަށް ގާނޫނުގެ ފުރިހަމަ އަދަބު ދޭނަން،" އިމްރާން ޚާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ނާޒުކުކަމުގެ ސަބަބުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް މީޑިޔާއަކަށް އިންޓަވިއު ދެއްވި ސިއާލްކޮޓްގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ހަމަލާދިން މީހުން ވަނީ، އިސްލާމީ މާތް ވެގެންވާ އަކުރުތައް ހިމެނޭ ޕޯސްޓަރެއް ތަޅާލި ކަމަށް ބުނެ އެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތު މެނޭޖަރުގެ މައްޗަށް ކޮށްފައި ވެއެވެ.

މީސްމީޑިއާގައި އާއްމުކޮށްފައިވާ ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް އާންމުންގެ ބަޔަކު ވަނީ ލިބުނު އެ މީހާގެ ގަޔަށް ބަޑިޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަމީން

    ސަޅި.