މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ކޮރަޕްޝަނުގެ ދައުވާއަށް މެލޭޝިއާގެ ކޯޓަކުން ތާއީދުކޮށްފިއެވެ.

ނަޖީބުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ތެރެއިން އެއް ދައުވާއަކީ އިތުބާރު ގެއްލުވާލުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި މަނީ ލޯންޑަރިންގެ ކުށެވެ. އެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމަކާއި 50 މިލިއަން ޑޮލަރު(770 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއެއް ދައްކަން ކުރި ހުކުމް އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވެއެވެ.

އެމެރިކާ އާއި މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ނަޖީބުގެ އަމިއްލަ އެކައުންޓްތަކަށް ވަނީ ފޮނުވާފައެވެ.

އެ ނިންމުމާ ގުޅޭ ގޮތުން ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެނަލެއްގައި އިސްކޮށް އުޅުއްވި އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރު އަބްދުލް ކަރީމް އަބްދުލް ޖަލީލް ވިދާޅުވީ ނަޖީބުގެ މައްޗަށް ކުށް ސާބިތުވުމާއި ހުކުމް އިއްވުމާ ގުޅޭ ގޮތުން ހައި ކޯޓުގެ އިއްތިފާގުން އެއްބަސްވެ، އެސްއާރްސީއާ ގުޅޭ ގޮތުން އޭނާ ކުރެއްވި ހުރިހާ އަމަލަކީ ގައުމީ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ބުނެ އޭނާގެ ދިފާއުގައި ބޭރުކޮށްލި ކަމަށެވެ.

އަދި ނަޖީބުގެ އެކައުންޓްތަކުގައި ހުރި ފައިސާއަކީ ގާނޫނާ ހިލާފު އަމަލުތަކެއް ކޮށްގެން ލިބޭ ފައިސާތަކެއް ކަން ނަޖީބުއަށް އެނގިވަޑައިގަންނަވާ ކަން ނުވަތަ ސަބަބުތަކެއް ހުރިކަން ހެކިތަކުން އެނގޭ ކަމަށާއި އެ ފައިސާއަކީ ގާނޫނާ ހިލާފު އަމަލުތަކެއް ކޮށްގެން ހޯދާފައިވާ ފައިސާކަން ކަނޑައެޅުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ވެސް ގާޒީ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ އަދި އަޅުގަނޑު ނުދަންނަވަން އަދި އަޅުގަނޑު އެއްވެސް މީހަކަށް އަމުރެއް ނުކުރަން 9.95 މިލިއަން ޑޮލަރު އަޅުގަނޑުގެ އެކައުންޓަށް ފޮނުވުމަށް،" ނަޖީބު ކޯޓުގައި ވިދާޅުވި އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ވީ ސިތަމްބަރަމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނަޖީބުގެ އިސްތިއުނާފުގެ މަރުހަލާ އެންމެ މަތީ ކޯޓުގައި ކުރިއަށް ގެންދަން 9 މަސް ދުވަސް ހޭދަވެދާނެ ކަމަށެވެ.

އެސްއާރުސީގެ މައްސަލަ ހިމެނޭ ގޮތަށް ޖުމްލަ 42 ޖިނާއީ ދައުވާއެއް ނަޖީބުގެ މައްޗަށް އުފުލި ނަމަވެސް، އޭނާ އަދިވެސް ހުންނެވީ ނުފޫޒުގަދަ އަދި ސިޔާސީ އެނބުރި އައުމަށް ލޯއަޅަމުން ކަމަށް ރޮއިޓާސްއިން ސެޕްޓެމްބަރު މަހު ވަނީ ބުނެފައެވެ.