އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުގެ މައްސަލަ ހައްލުކުރުމުގެ ވަގުތު ކުޑަތަންވަމުން އަންނަކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.

ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު އަނާލޭނާ ބާބޮކް އިއްޔެ ވިދާޅުވީ، އީރާނާއެކު ނިއުކްލިއަރ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެކަމުގައި އެއްވެސް ކުރިއެރުމެއް ނުފެންނަ ކަމަށާއި، ވަގުތު ކުޑަތަންވަމުން އަންނަ ކަމަށެވެ.

" މިދިޔަ ދުވަސްތަކުގައި ކުރެވުނު މަޝްވަރާގެ ސަބަބުން އެދެވޭ ކުރިއެރުމެއް ނުފެނޭ. އެއީ އިރާނުގެ ސަރުކާރުން މަޝްވަރާތަކުގެ ހުށަހެޅުން ހަ މަސް ފަހަތަށް ޖައްސާލާފައި ވާތީ،" އިނގިރޭސިވިލާތުގެ ލިވަޕޫލުގައި ކުރިޔަށްދާ ޖީ7ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބާބޮކް ވިދާޅުވިއެވެ.

އިރާނުގެ މައްސަލައާއި ގުޅިގެން މީގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވަނީ އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތުގެ ހާރިޖީ ވަޒީރުންނާއެކު 'އުފެއްދުންތެރި' ބައްދަލުވުމެއް ބާއްވަވާފައެވެ. އިރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އެމެރިކާއިން ކުރިޔަށްގެންދިޔަ މަޝްވަރާތައް މަޝްވަރާތައް ކާމިޔާބުކަމަށް ބްލިންކެން ވިދާޅުވިއެވެ.

2015ވަނަ އަހަރު އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގެ އިތުރުން ބައިވެރިވެފައިވަނީ ރަޝިޔާއާއި ޗައިނާއިންނާއި ވިލާތުގެ އިއްތިހާދުންނެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުމަކަށް ގެނެސް، އީރާނަށް އެޓޮމިކް ހަތިޔާރު ނުއުފެއްދިދާނެކަން ކަށަވަރުކުރުމެވެ.

2018 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އިރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުން ވަކިވެފައެވެ. އެއާއި އެކު އިރާނުން ވަނީ ނިއުކްލިއާ ހަކަތަ އުފެއްދުމަށް ޔޫރޭނިއަން ފައްކާ ކުރަން ފަށާފައެވެ.