ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓަށް އިނގިރޭސިވިލާތުން ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ބައެއް ފިޔަވަޅުތައް ވަރުގަދަ ކުރަން އެގައުމުގެ ސަރުކާރުން ނިންމުމުން ވަޒީރަކު އިސްތިއުފާ ދެއްވައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އިސްތިއުފާ ދެއްވި ވަޒީރަކީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމާއި ގުޅޭ ކަންކަން ކުރުމަށް ކަނޑައަޅުއްވާފައި ހުންނަވާ ވަޒީރު ޑޭވިޑް ފްރޮސްޓް އެވެ. ޑޭވިޑް ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ އަންނަ މަހު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމުގެ އަޑުތަކެއް މީޑިއާގައި ގަދަވެފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޑޭވިޑާއި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއިމެދު އެންމެ ބޮޑަށް ހިޔާލު ތަފާތުވުން އުފެދުނީ ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ނައިޓް ކްލަބްތަކާއި މީހުން އެއްވާ އެހެން ތަންތަނަށް ވަނުމުގެ ކުރިން ވެކްސިން ކާޑު ދެއްކުން މަޖުބޫރު ކުރަން ސަރުކާރުން ނިންމުމުންނެވެ.

އިސްތިއުފާގެ ސިޓީގައި ވެސް ޑޭވިޑް ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރު ބޮޑުވަޒީރު ޖޯންސަން ގެންގުޅުއްވާ ސިޔާސަތު ކަމުނުދާ ކަމަށް ވިދާޅުވެފައެވެ. ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ޖުލައި މަހު އިނގިރޭސިވިލާތް އަލުން ހުޅުވާލުމަށް ވަރަށް ވަރުގަދަ މުހިއްމު ނިންމެވުމެއް ބޮޑުވަޒީރު ނިންމެވި ނަމަވެސް މިހާރު ފެންނަމުން ދަނީ އަނެއްކާވެސް ޒިންމާދާރުކަން ކުޑަކަން ކަމަށެވެ. ކޮވިޑާއި އެކު އުޅެން ދަސްކުރުން ނޫން ގޮތެއް ނެތިފައި ވަނިކޮށް އެހެން ގައުމުތަކުގައި ނާޅާވަރުގަދަ ހަރުކަށި ފިޔަވަޅުތަކެއް އިނގިރޭސިވިލާތުން އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ފިޔަވަޅުތައް ހަރުކަށި ކުރަން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން ވެސް ދެކޮޅެވެ. އެހެންކަމުން އިނގިރޭސިވިލާތުގައި ފުރަބަންދު އިއުލާން ކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކުރުމަކީ ބޮޑުވަޒީރު ޖޯންސަން އަށް ކުރަން ވަރަށް ދަތިވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވެސް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން މިހާރު ކޮންމެ ދުވަހަކު ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އިނގިރޭސިވިލާތަކީ އޮމިކްރޮން ވޭރިއަންޓް މިހާރު އެންމެ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ އެއްގައުމެވެ.

ކިޔުންތެރިންގެ ހިޔާލު