ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސްގެން އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަމަށް އީރާނާއި މިސްރުން ވެސް ބުނެފިއެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން އާދީއްތަ ދުވަހު ވަނީ އެގައުމުން އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އީރާން ސަރުކާރުން ބުނީ އެގައުމުން އޮމިކްރޮން އަށް ފައްސިވި މީހަކީ ދާދިފަހުން ޔޫއޭއީ އަށް ދަތުރު ކޮށްފައިވާ މީހެއް ކަމަށެވެ. އޮމިކްރޮން އަށް ފައްސިވެފައިވާ ކަމަށް ބެލެވޭ އިތުރު ދެމީހަކު ވެސް އީރާންގައި އެބަތިބި ކަމަށް އީރާންގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އީރާނަކީ ކޮވިޑްގައި އެންމެ ހާލަތު ގޯސްވި އެއްގައުމެވެ. އީރާނުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 131000 އަށް އަރައެވެ. ނަމަވެސް އެގައުމުން މިހާރު ވަނީ 85 މިލިއަން މީހުންނަށް ވެކްސިން ދީފައެވެ. އެއީ އީރާންގެ އާބާދީގެ ގާތްގަނޑަކަށް %60 މީހުންނެވެ.

އީރާނުން މިހާރު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ތިންވަނަ ޑޯޒް ވެސް ދޭން ފަށާފައެވެ. ތިން ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 3.5 މިލިއަނަށް އަރާ ކަމަށް އީރާނުން ބުނެއެވެ.

އީރާންގެ އެންމެ ގިނަ މީހުންނަށް ދީފައި ވަނީ ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިނެވެ. އޭގެ އިތުރުން ރަޝިއާ އިން އުފެއްދި ސްޕްޓްނިކް-ވީ ވެކްސިން ވެސް ގިނަ ބަޔަކަށް ދީފައި ވެއެވެ. އަދި އިނގިރޭސިވިލާތާއި ސްވިޑިންގެ އެސްޓްރާޒެނެކާ ވެސް ކޮންމެވެސް ވަރަކަށް ދީފައި ވެއެވެ.

މިސްރުން ބުނީ އޮމިކްރޮން އަށް އެގައުމުން ތިން މީހަކު ފައްސިވެފައިވާ ކަމަށެވެ. މިތިން މީހުންނަކީ ވެސް ދެކުނު އެފްރިކާ އިން މިސްރަށް ދަތުރު ކުރި މީހުންނެވެ. އެމީހުން ކޮވިޑަށް ޓެސްޓް ކުރީ ގާހިރާގެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެތިން މީހުންނާއިއެކު ދަތުރު ކުރި އިތުރު 23 މީހަކު ވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ. ނަމަވެސް އެމީހުން އޮމިކްރޮން އަށް ފައްސިވެފައި ނުވާކަމަށް މިސްރު ސަރުކާރުން ބުނެއެވެ. ކޮވިޑަށް ފައްސިވި އެންމެން ވެސް ވަނީ މިހާރު ގާހިރާގެ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައެވެ.

އޮމިކްރިން ވޭރިއަންޓް ފެތުރެން ފެށުމުން ގިނަ ގައުމުތަކުގެ އެއާޕޯޓްތަކާއި ބޯޑަރުތަކުގައި ވަނީ ކޮވިޑަށް ޓެސްޓް ކުރުން އިތުރަށް ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު