ކޮވިޑް-19 ވައިރަސްއަށް ބަދަލުތަކެއް އައިސްގެން އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން މިހާރު ޔޫރަޕްގެ ގައުމުތަކަށް ވަނީ "ތޫފާނެއް" ކުރިމަތިވެފައި ކަމަށާއި މިތޫފާނުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާ ދިނުން ދަތިވާ ހިސާބަށް ކަންކަން ދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޔޫރަޕަށް ކަނޑައަޅުއްވާފައި ހުންނަ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޑރ.ހެންސް ކްލާގް ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގައި އެންމެ ގިނައިން ފެތުރޭ ކޮވިޑްގެ ބާވަތަކީ އޮމިކްރޮން ކަމަށް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ވާނެ ކަމަށެވެ. "މިހާރު ވެސް ޔޫރަޕްގެ ގައުމުތަކުގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވަމުން އަންނަ މަންޒަރު ފެންނަން ފަށައިފި." ކްލާގް ވިދާޅުވިއެވެ.

ކްލާގް ވިދާޅުވީ ހޮސްޕިޓަލްތައް ފުރުމުގެ އިތުރުން އޮމިކްރޮންގެ ސަބަބުން އިތުރު އެތައް ކަމަކަށް ވެސް އަސަރު ކުރާނެ ކަމަށާއި އެހެންކަމުން ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކުން އޮމިކްރޮން ވޭރިއަންޓަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. "މިހާލަތާއި ކުރިމަތިލާން ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކާއި އިދާރާތަކުން ތައްޔާރުވާން އެބަޖެހޭ." ކްލާގް ވިދާޅުވިއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. އެގޮތުން ޖަރުމަންވިލާތުން މިހާރު ވެސް ވަނީ ކްރިމަސް ބަންދާއި، އާއަހަރުގެ ބަންދާއި ދިމާކޮށް ބާއްވާ ޕާޓީތަކުގައި ބައިވެރިވެވޭނެ މީހުންގެ އަދަދު ކޮންޓްރޯލް ކުރުވަން ނިންމާފައެވެ.

ޕޯޗްގަލް އިން ވަނީ ނައިޓްކްލަބްތަކާއި ބާތައް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ބަންދު ކުރަން ނިންމާފައެވެ. އެއީ އާއަހަރުގެ ބަންދާއި ދިމާކޮށް ބާއްވާ ޕާޓީތައް ހުއްޓުވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

ސްވިޑިން އިން ވަނީ ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތައް ހަމަޖައްސާފައެވެ. އަދި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުމުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ. ނެދަލޭންޑްސް އިން ވަނީ ގައުމު ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު