މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ތިން މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކަށް މެލޭޝިއާ އިން އެދިއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ގައުމީ ޕްލޭނެއް އެކުލަވާލުމަށް އދ.ގެ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އިން ތިން މިލިއަން ޑޮލަރު ހޯދަން އެދިފައިވާ ކަމަށް އެގައުމުގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ބުނީ އެގައުމުން އެ ފައިސާ ބޭނުންކުރާނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމީ މަގުޗާޓެއް އެކުލަވާލުމަށް ކަމަށެވެ.

އަދި ފެން ބޮޑުވުން ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް އެ ފައިސާ ބޭނުންކުރާނެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި މެލޭޝިޔާގެ އަށް ސްޓޭޓެއްގައި ފެންބޮޑުވެ 48 މީހުން މަރުވެފައިވެއެވެ. އަދި މިހާތަނަށް 70،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށާއި މަގުތައް ބަންދުވެ ކަނޑުމަގުން ކުރާ މުދަލުގެ ވިޔަފާރިއަށް ބުރޫއަރައި، ކަރަންޓާއި ފެނާއި މުވާސަލާތީ ގުޅުން ކެނޑި ދަތުރުފަތުރު ކުރުމަށްވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ ރައްޔިތުން ވަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.

ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ތިމާވެއްޓާއިބެހޭ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް ޒައިނީ އުޖަންގް ވިދާޅުވީ، އަންނަ އަހަރުގެ ނިޔަލަށް ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭނެއް އެކުލަވާލުމަށް އެހީތެރިވެދިނުމަށް ޖީ.ސީ.އެފް.ގެ ފަންޑުގައި އެ މިނިސްޓްރީން އެދިފައިވާނެ ކަމަށެވެ. އަދި އެ ޕްލޭންގައި ފެނާއި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި އާންމު ސިއްހަތާއި އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތަކަށް އަލިއަޅުވާލާނެ ކަމަށް ވިދާޅުވެފައިވެއެވެ.