އިންޑޮނޭޝިއާގެ ސްމަޓްރާއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން އެތައް ހާސްބައެއްގެ ގެދޮރުގެއްލިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފެން ބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ބައިލައްކަ އާއި ކައިރި ކުރެއެވެ.

ސްމަޓްރާގެ އިތުރުން އަޗޭ ޕްރޮވިންސްގެ އެހެން ރަށްތަކަށް ވެސް ވަނީ ވިއްސާރައިގެ އަސަރު ކޮށްފައެވެ. ސްމަޓްރާ ފިޔަވައި ދެން ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޖަމްބީ ނަމަކަށް ކިޔާ ރަށަށެވެ.

ވިއްސާރައިގެ ސަބަބުން ގެދޮރު ގެއްލުނު މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް ގިނަ ބަޔަކު އެއްތަނެއްގައި ބައިތިއްބަން ޖެހުމުން އެމީހުންގެ ތެރޭގައި ކޮވިޑް ފެތުރިގެން ދިއުމުގެ ބިރު ވެސް މިހާރު ވަނީ ބޮޑުވެފައެވެ.

ސްމަޓްރާގެ މީހަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޭނާގެ އަވަށް އެއްކޮށް ފެނު އަޑިއަށް ގޮސްފައިވާ ކަމަށެވެ. "މިއަހަރު ފެށުނުއިރު ވެސް އޮތީ ފެން ބޮޑުވެފައި. އަހަރެމެން ގެ ދޫކޮށްލާފައި އަވަށުން ނިކުތް އިރު ފެންގަނޑު ގޭގެ ފުރާޅާއި ހަމައަށް އަރައިފި. ފެން ބޮޑުވިތާ ހަފްތާއެއް ވީއިރު އަދިވެސް ފެން ހިނދެން ނުފަށާ." އޭނާ ބުންޏެވެ.

އަޗޭގެ 16 ރަށަކުން މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ. ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރި ގިނަ މީހުން ތިބީ ކައިރި ސަރަހައްދުތަކުގެ މިސްކިތްތަކާއި ވަގުތީ ހިޔާތަކުގައެވެ.

ވިއްސާރައިގެ ސަބަބުން އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ބޭރަށް ހިންގުން ފަދަ ރޯގާއެއް ފެތުރި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ބަޔަކަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއެވެ.

އަޗޭއަށް ބޮޑު ގުދުރަތީ ކާރިސާއެއް ކުރިމަތިވިއިރު އެސަރަހައްދުގައި ވަނީ ކޮވިޑް ވެސް ވަރަށް ބޮޑަށް ފެތުރިފައެވެ. މިހާތަނަށް އަޗޭ އިން 38000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 2000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.